މުހިންމު ބައްދަލުވުމަކަށް ހާރިޖީ ވަޒީރު ޖެނީވާއަށް

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި ކ...

24 Feb 2020 | 07:09

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ 80 މެމްބަރ ގައުމާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ. މި ބައްދަލުވުމުގައި 25 ފެބްރުއަރީ ވަނަ ދުވަހު، ދިވެހި ސަރުކާރުން އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމުގައި ހާސިލުކޮށްފައިވާ ކުރިއެރުންތަކުާއި، ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާ ބެހޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވާނެއެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓުގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ޖެނީވާއަށް  މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ.ގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް މިސް މިޝެލް ބެޝެލޭއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައެއް ޖަމްއިއްޔާތަކުގެ ވެރިންނާއިކު މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. މި މަޝްވަރާތަކުގެ ސަބަބުން މިހާރުވެސް ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެ ގާއިމްކޮށްފަިވާ ގުޅުންތައް އިތުރަށް ބަދަހިވެ، އެ ފަރާތްތަކާ ގުޅިގެން މުސްތަގްބަލުގައި އިންސާނީ ހައްގުތަކުގެ ރޮނގުން އިތުރު މަސައްކަތްކުރެވޭނެއެވެ.

ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި އިތުރު 3 ހަރަކާތެއްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ ކޮމަންވެލްތް އޮފް ނޭޝަންސްއާއި، އެލަޔަންސް ފޮ މަލްޓި ލެޓަރަލިޒަމް އަދި ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ފަރާތުން ބާއްވާ ހަރަކާތްތަަކެކެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ރާއްޖޭގެ ދާއިމީ މަންދޫބު ޑރ.ހާލާ ހަމީދު އާއި އެމްބެސެޑަރ އެޓް ލާރޖް ޑރ.އާސިމް އަހްމަދުގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް