ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއަކަށް ސަލާމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީސް ޖަލްސާ ފަށްޓަވަމުން ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު ޖަލްސާއަށް ހާޒިރު ނުވެވޭނެކަން އިދާރާއަށް ނޯޓަކުން އަންގަވާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ތުލުސްދޫއަށް ވަޑައިގެންނަވަން ޖެހުން ކަމަށް އީވާ ވިދާޅުވި އެވެ.
އެ ދަތުރުފުޅުގެ ތަފްސީލް ދެއްވަމުން އީވާ ވިދާޅުވީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން އެރަށުގައި މިއަދު ފަށާ ވޯކްޝޮޕްގައި ރައީސް ނަޝިދު ބައިވެރިވެވަޑައިގެންނަވާ ކަމަށެވެ. މި ވޯކްޝޮޕްގެ ތެރެއިން މާދަމާ ރާޅާ އެޅުމަށް ދަސްކޮށްދިނުމާއި، ސްނޯކްލީން ދަތުރުތަކާއި، ލައިވް މިއުޒިކާއި، ކުރެހުމާއި ފަންނުވެރިކަމާއި، މޫސުމީ ބަދަލުތަކާއި ފަރުތަކާ ގުޅޭ ތަޖުރިބާކާރުންތަކެއްގެ ޕެނަލް ޑިސްކަޝަނެއް ވެސް ހިނގާނެ އެވެ.
"މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ އުމްރާނީ މަސައްކަތުން މުރަކައިގެ ފަރުތަކަށް ހުރި ގެއްލުމުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުމާއި އަދި މި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އަލަށް ގާއިމު ކުރެވުނު މޯލްޑިވްސް ކޮރެލް އިންސްޓިޓިއުޓްގެ މަސައްކަތް ކުރިއަށް އޮތް އަހަރުތަކަށް ރާވައި އެކުލަވާލެވި ކަމާ ގުޅޭ މައްސަލައިގެ ދެލިކޮޕީއެއް ހުށަހެޅި އެއަށް މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރުން،" ނަޝީދު ފޮނުއްވި ސަލާމުގެ ނޯޓު އިއްވަވައި ދެއްވަމުން އީވާ ވިދާޅުވިއެވެ.
މިއީ19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން އެމަނިކުފާނު ސަލާމް ވިދާޅުވި ފުރަތަމަ ފަހަރެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަންނަވާނަމަ ސަބަބު ބަޔާންކޮށް މަޖިލީހަށް ސަލާމް ވިދާޅުވާން ޖެހެ އެވެ. ނޫނީ ރަސްމީ ދަތުރުފުޅެއްގައިވާނަމަ އެ ކަމެއް ބަޔާންކޮށް އަންގަން ޖެހެ އެވެ. އެއްވެސް ސަބަބެއް ނެތި ހާޒިރުވެވަޑައިނުގަންނަވާ ޖަލްސާތަކަށް މެންބަރުގެ މުސާރައިން އުނިކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް