މި ދުވަސްވަރު ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރީ އިިދކޮޅު މައި ޕާޓީ ޕީޕީއެމްއިން ބާއްވަން ރާވާފައިވާ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ޖަލްސާއަށް ހުރަސް އަޅަން ވެގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ޖެހިގެން އެހެން ގައުމުތަކުން ރިޕޯޓުކޮށްފައިވާ ބައެއް މީހުންނަކީ ޗައިނާއަށް ދަތުރުކޮށްފައި ނުވާ މީހުން ކަމަށެވެ. އެގޮތަށް ގިނަ ބަޔަކަށް އެ ބަލި ފެތުރެމުންދާތީ އެޗްޕީއޭއިން ވަނީ ދިވެހިން ހަތް ގައުމަކަށް ދިއުމުގައި ސަމާލުވުމަށް އަންގައި ގިނަ ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ. އެއީ ބަލިން ރައްކާތެރިވުމަށް ކަމަށް އެ އިދާރާއިން ބުނެ އެވެ.
ރޭ ޕީޕީއެމްއިން އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ އެޗްޕީއޭގެ އެންގުން ވައްތަރީ ސިޔާސީ އެންގުމަކާއި ކަމަށެވެ. އެއީ މިދިޔަ ހުކުރު ދުވަހުގެ ރޭވެސް ބަޔަކު ދާނެކަމަށް ޖަލްސާއެއް ބޭއްވި ކަމަށާއި އެކަމަކު އެފަދަ އެންގުމެއް އެޗްޕީއޭއިން އަންގާފައި ނުވާ ކަމަށެވެ.
އަދުރޭގެ ވާހަކައިގަ ވިދާޅުވީ ގިނަ މީހުން އެއްވާ ތަންތަނަށް މީހުން ގޮސް ނޫޅުމަށް އަންގާއިރު ފުރަތަމަ ބަލީގެ ނުރައްކާތެރިކަން އެހާ ބޮޑު ނަމަ ސްކޫލްތައް ބަންދު ކުރަންޖެހޭނެ ކަމަށެވެ. އަދި އޭނާ ވަނީ ކޮރޯނާ ވައިރަސް އާއި ގުޅވައިގެން ސަރުކާރުން ސިޔާސީ މަންފާ ހޯދަން އުޅޭ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ
"ކުއްލިއަކަށް މާދަމާ ރެޔާ ނުވަތަ 28 ވަނަ ދުވަހުގެ ރެޔާ ކުރިމަތިކޮށް، މިކަހަލަ ބަޔާނެއް މި ނެރުނީ ކީއްވެގެންބާއޭ އަޅުގަނޑު ހިތަށް އަރާ. ހަމަ ހަގީގަތުގައިވެސް ކުއްލިއަކަށް ވީކަމެއް ބާއޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، މިފަދަ އެންގުމެއް އެޗްޕީއޭ އިން އެންގީ ކީއްވެތޯ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ. އެގޮތަށް އިލްތިމާސް ކުރުމުން ބިރުވެރިކަން އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް ސަރުކާރަށް އޭނާ ގޮވާލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް