ރަންބީރާ އާލިއާގެ ކައިވެނީގެ ތައްޔާރީތައް މަޑުޖައްސާލަން ޖެހިއްޖެ

ބޮލީވުޑްގަ މިއަހަރު ސަޕޯޓަރުން އެންމެ އިންތިޒާރު ކުރާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ފަސް ކުރަން ޖެހިއްޖެ އެވެ. މީގެ ކުރިން މީޑީއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ ޑިސެމްބަރު މަހު އެ ދެ ...

24 Feb 2020 | 01:40

ބޮލީވުޑްގަ މިއަހަރު ސަޕޯޓަރުން އެންމެ އިންތިޒާރު ކުރާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ފަސް ކުރަން ޖެހިއްޖެ އެވެ.

މީގެ ކުރިން މީޑީއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ ޑިސެމްބަރު މަހު އެ ދެ ތަރިންގެ ކައިވެނި އޮންނާނެ އެވެ. އަދި އެކަން ދެ ފަރާތު އާއިލާއަށް އަންގައި އެ ދުވަސްވަރު އިތުރު އެއްވެސް މަސައްކަތެއް ނުރޭވުމަށް އަންގާފައިވާ ކަމަށްވެ އެވެ.

އެކަމަކު އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އެ ދެ ތަރިންގެ ކައިވެނި ވަނީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުގެ ބަލި ހާލަތު ގޯސްކަމުން ފަސް ކުރަން ޖެހިފަ އެވެ. ރިޝީ އަހަރެއްހާ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފަހު އެނބުރި އިންޑިއާއަށް ދިޔައީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އޭގެ ފަހުން އޭނާގެ ސިއްހީ ހާލަތު އާންމުކޮށް ރަނގަޅެއް ނޫނެވެ.

ރަންބީރުގެ އާއިލީ ގާތް މީހަކު މީޑިއާގައި ބުނެފައިވަނީ އެމީހުންގެ ލިސްޓުގައި މިއަހަރު އަދި އެ ކައިވެނި ކުރާކަން ހިމެނިފައިނުވާ ކަމަށެވެ. މިވަގުތު މުޅި އާއިލާގެ ވިސްނުމާއި ހިލާހު ހުރީ ރިޝީގެ ބަލިހާލަތާއި މެދު ކަމަށާއި އެ ދެ ތަރިންގެ ކައިވެންޏާއި މެދު ވިސްނާނީވެސް ރިޝީ މިހާރު އޮތް ހާލަތުން ރަނގަޅުވެއްޖެ ނަމަ ކަމަށެވެ.

ރަންބީރާއި އާލިއާގެ ކައިވެނީގެ ތައްޔާރީތައް މަޑު ޖައްސާލަން ޖެހުނު އިރު އެމީހުން ވަނީ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ދެ މަސް ދުވަހުގެ ބްރޭކެއް ނެގުމަށް ނިންމާފަ އެވެ. އެއީ ދެމީހުން އެކުގައި ފެނިގެންދާ ފިލްމު "ބަރާހްމާސްތްރާ" ގެ މަސައްކަތްތައް މާ ދިގުލައިގެން ދާތީ އެވެ. ކުރިން ހަމަޖައްސާފައި އޮތީ އެ ފިލްމު ރިލީޒް ކުރުމަށް ފަހު ކައިވެނި ކުރާށެވެ.

ރިލީޒް ކުރުން ފަސް ކުރަމުންދާ އެ ފިލްމު މިހާރު ރިލީޒް ކުރުމަށް ހަމަޖެހިފަިއވަނީ މިއަހަރުގެ ޑިސެމްބަރު22 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް