މުފްތީ މެންކުގެ ނަސޭހަތް - ބަރަހަނާ މަންޒަރުތައް ބެލުން ހުއްޓާލާނީ ކިހިނެއް؟

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ބަރަހަނާ ފިލްމުތަކާއި ވީޑިއޯތައް ބެލުން ވަނީ އާންމުވެފައެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި މި އާދަ ވަނީ އިންތިހާއަށް ފެތުރިފައެވެ. މިއީ ވަރަށް ވިސްނާލަން ...

24 Feb 2020 | 01:23

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ބަރަހަނާ ފިލްމުތަކާއި ވީޑިއޯތައް ބެލުން ވަނީ އާންމުވެފައެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި މި އާދަ ވަނީ އިންތިހާއަށް ފެތުރިފައެވެ. މިއީ ވަރަށް ވިސްނާލަން ޖެހޭ ކަމެކެވެ. މުޅި ދުނިޔެއަށް މަޝްހޫރު އަދި ރާއްޖޭގައި ވެސް އެކި ފަހަރު މަތިން ދަރުސް ދެއްވާފައިވާ މުފްތީ އިސްމާއިލް މެންކް މި ނުބައި އާދާ ސިފަކުރައްވަނީ އަދުގެ ' އާ ޑްރަގް' ގެ ގޮތުގައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ބަރަހަނާ މަންޒަރުތަކަކީ ވެސް މީހާ އޭގެ ތެރެއަށް ޢަރަގުކޮށްލާ ވަބާއެކެވެ. ޑްރަގެކޭ އެއްގޮތަށް ވަކި ހިސާބަކުން އެއާނުލާ ނޫޅެވޭ ވަރަށް އިންސާނާގެ ސިކުނޑި އާއި ވިސްނުން ބަދަލުކޮށްލައެވެ.

މެންކު ވިދާޅުވާ ގޮތުން ބަރަހަނާ މަންޒަރުތައް ބެލުމުން އިންސާނާ ސިކުނޑިއާއި ހިތާއި އޭނާގެ ރޫހާނިއްޔަތަށް އަސަރުކުރެއެވެ. އޭގައި އިންސާނާ އަށް އެއްވެސް ފައިދާއެއް އުފަލެއް ނުވާކަމަށާއި ހަމައެކަނި ވަނީ ގެއްލުމާއި ހަލާކުކަމަށް މެންކު ވިދާޅުވިއެވެ. އޭގެ ސަބަބުން ކުރިމަތިލާންޖެހެނީ ހިތާމަވެރި ނަތީޖާތަކާއެވެ. ތިމާ އަމިއްލަ ނަފުސަށްކުރާ އިތުބާރު ކުޑަވެއެވެ. އެހެން މީހުންނާއި ދޭތެރޭ ތިމާއަށް ބެލެނީ އަބަދުވެސް ލައްޒަތުގެ ނަޒަރުންނެވެ. އަބަދުވެސް ސިކުނޑީގައި އެބުރޭނީ ނުބައި ޚިޔާލުތަކާއި ވަސްވާސްތަކެވެ.

އޭ ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚުތާއެވެ. މާތް ﷲ ތިމާއަށް ދެއްވާފައިވާ ހަށިގަނޑަކީ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވާން ޖެހެއެވެ. އެއީ ތިމާ އަމިއްލަ އަށް ހިތައްއެރިގޮތަކަށް ބޭނުންހިފަން އޮތް އެއްޗެއް ނޫނެވެ. އެ ހަށިގަނޑުން ކުރަން ޖެހޭނީ ﷲ ހުއްދަ ކުރެއްވި ކަންތައްތަކެވެ. އެކަލާގެ ހަރާމްކުރެއްވި ކަމެއް އެ ހަށިގަނޑު ބޭނުންކޮށްގެން ކޮށްގެން ނުވާނެއެވެ. އޭ އިންސާނާއެވެ. އޭ އަޚާއެވެ. އެ އަޚުތާއެވެ. މި ވަބާއިން ސަލާމަތްވާން ބޭނުންހެއްޔެވެ. ތެދެކެވެ. އެއީ އުނދަގޫ ދަތުރެކެވެ. އެހެނަސް ހިތްވަރާއި އެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެއެވެ.

ދިރިއުޅުމެގެ މަގުސަދު ހަނދާންކުރޭ

އެންމެ ފުރަތަމަ ކަމަކަށް ތިމާ ދުނިޔޭގައި މި އުޅޭ މަގުސަދު ހަނދާންކުރާށެވެ. ތިމާ ދުނިޔޭގައި މިއުޅެނީ އުޚުރަވީ ހަޔާތަށް ތައްޔާރުވުމަށެވެ. އިމުން ބޭރުގެ އުފަލާއި ލައްޒަތު ހޯދާކަން ނޫނެވެ. ހުއްދަކުރެއްވި ގޮތުގައި އުފަލާއި މަޖަލުގައި އުޅުން މައްސަލައެއް ނޫނެވެ. އެހެނަސް މުޅި ދަތުރުގެ މަގުސަދު ހަނދާންނައްތާނުލާށެވެ. ﷲ ގެ ހަޒުރަތުގައި ތިމާ ހުންނާނެ ދުވަހާއި މެދު ބިރުވެރިވާށެވެ. ނަރަކައިގެ އަޒާބާއި ދޭތެރޭ ވިސްނާށެވެ. ސުވަރުގޭގެ ދާއިމީ އުފަލާއި އަރާމާ ލައްޒަތަށް ވިސްނާށެވެ. ދާއިމީ މަންޒިލަކީ އެއީ ކަމަށް ވިސްނާށެވެ.

ތައުބާވުން

އޭ އިންސާނާއެވެ. ތިބާދެކެ އެންމެ ލޯބިވަނީ ތިބާގެ ބައްޕަ ހެއްޔެވެ. ނުވަތަ މަންމަ ހެއްޔެވެ. ނުވަތަ ހަޔާތުގެ ބައިވެރިޔާއެވެ. ނުވަތަ އެހެން މީހެއް ހެއްޔެވެ. އޭ އަޚާއެވެ. އޭ އުޚުތާއެވެ. ވިސްނާށެވެ. އެއީ ކޮންމެ މީހެއް ކަމަށް ވިޔަސް އެއަށް އެތައް ގުނައެއް ބޮޑަށް ރަހްމާންވަންތަ ރަހީމްވަންތަ ﷲ ސުބުހާނަހޫވަތައާލާ ތިމާ ދެކެ ލޯބިވެ ވޮޑިގެންވެއެވެ. މާޒީގައި ކޮންމެ ފަދަ ގޮތަކަށް އުޅެވިފައި އޮތް ނަމަވެސް ތައުބާވާށެވެ. އަދި ޔަގީންކުރާށެވެ. ﷲ ތިބާގެ ފާފަ ފުއްސަވާދެއްވާނެއެވެ. އެއީ ކިތައްމެ ގިނަ ކިތައްމެ ހުތުރު ފާފަތައް ކަމުގައި ވިނަމަވެސްއެވެ.

އެކަނިއުޅޭ ވަގުތު މަދުކުރުން

ގިނަ ފަހަރަށް ބަރަހަނާ މަންޒަރުތައް ބަލާނީ އެކަނިވާ ވަގުތެއްގައެވެ. މިފަދަ ވަގުތައް ތިބާއަށް ނުލިބޭނެ ގޮތަށް ނުވަތަ ވީހާވެސް މަދުވާނެ ގޮތަށް ޝެޑިއުލް ރާވާށެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން މަސައްކަތްކުރާށެވެ.

ބްލޮކްކޮށްލާ

ބަރަހަނާ ސައިޓްތަކަށް ވަންނަން ބޭނުންކުރާ ކޮމްޕިއުޓަރ، ޓެބްލެޓް ނުވަތަ ފޯނުން އެ ފަދަ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްލާށެވެ. މިކަން ކުރަން ހިތްވަރު ބޭނުންވާނެއެވެ.

އަމިއްލަ ނަފުސަށް އިތުބާރުކުރާށެވެ. މިއީ ތިބާއަށް ހުއްޓާލެވިދާނެ ކަމެކެވެ. އަވަހަށް ތައުބާވެ އާ އަޒުމަކާއި އެކީ ކުރިއަށްދާށެވެ.

https://www.youtube.com/watch?v=Zj280D3CH78

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް