ޖަމިއްޔާތަކުގެ ވިއުގަ، ހޯމް މިނިސްޓަރު އިފްތިތާހް ކޮށްދެއްވައިފި

ޖަމްޢިއްޔާތަކުގެ ވިއުގަ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު އިފްތިޠާހުކޮށްދެއްވައިފިއެވެ. ރާއްޖޭގެ ހުރިހާ ޖަމްއިއްޔާތަކެއް އިންޓަރނެޓްގެ ޒަރީޔާއިން ގުޅާލަދޭ ވިއުގައެއް އުފެއްދެވުމަކީ ...

24 Feb 2019 | 15:11

ޖަމްޢިއްޔާތަކުގެ ވިއުގަ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު އިފްތިޠާހުކޮށްދެއްވައިފިއެވެ.

ރާއްޖޭގެ ހުރިހާ ޖަމްއިއްޔާތަކެއް އިންޓަރނެޓްގެ ޒަރީޔާއިން ގުޅާލަދޭ ވިއުގައެއް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖަމްއިއްޔާތަކުގެ ވިއުގަ އިފްތިޠާހުކޮށްދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ ކުދިކުދި ރަށްތައް ޖަޒީރާތަކަކަށް އެކުލެވިގެންވުމާއި، އަދި ޒަމާނަށް މިއަންނަ ބަދަލުތަކާ، ތަރައްޤީއާ ކުރިއެރުމާއެކުގައި ސަރުކާރުގެ ވިސްނުން އޮތީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މަދަނީ ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ޖަމްއިއްޔާތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމަށްކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މަދަނީ ޖަމްއިއްޔާތައް ބާރުވެރިކުރެވި، ރައްޔިތުންނާއެކުގައި މަސައްކަތްކުރެވި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އުސް، އަވަސް ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިވިއުގަ ވުޖޫދަށް ގެނައުމުގައި ޔޫ.އެން.ޑީޕީގެ އެހީތެރިކަން ވަރަށްބޮޑަށް ލިބުނުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޔޫ.އެން.ޑީ.ޕީއަށް ޝުކުރު އަދާކުރައްވާފައެވެ.

މިވިއުގައިގެ ޒަރީޔާއިން ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެދީ، ޖަމްއިއްޔާތަކަށް ހުރި ފުރުޞަތުތަކާއި، މައުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިވާނެއެވެ. މިވިއުގަ މެދުވެރިކޮށް މަޞްލަހަތުވެރިންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށްވެސް ޖަމްއިއްޔާތަކާ ފަސޭހައިން ގުޅި، ގުޅިގެން މަސައްކަތްކުރަން ފުރުޞަތު ބޮޑުވާނެއެވެ.

ޖަމްއިއްޔާތަކުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް މިވިއުގައިގެ ސަބަބުން ފަސޭހަވާނެއެވެ. މަޝްރޫއުތަކަށް ފައިސާ ހޯދެން ހުރި ފުރުޞަތުތަކާއި، ޖަމްއިއްޔާތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ތަމްރީނު ހޯދަން ހުރި ފުރުޞަތުތައްވެސް މިވިއުގައިގެ ތެރެއިން ޙިއްޞާކުރެވޭނެއެވެ. އަދި ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ހެދުމާއި، އިދާރީ މަސައްކަތްތައް ކުރުމުގައި ޒަމާނީ ގޮތްތައް ބޭނުންކުރުމަށްވެސް މިވިއުގައިގެ ސަބަބުން ފަސޭހަތަކެއް ލިބޭނެއެވެ.

ޖަމްއިއްޔާތަކުގެ މައުލޫމާތާއި، ޚަބަރުތައްވެސް ހޯމް މިނިސްޓްރީން ތަޢާރަފްކުރި ވިއުގައިގެ ތެރޭން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް