ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތައް ބަލާ ކޮމިޝަން އާއި ގެއްލުވާލެވިފައި އަދި މަރާލާފައިވާ މައްސަލަތައް ބަލާ ކޮމިޝަންއަށް ބާރު ދޭ ބިލަށް ވޯޓަށް އަހާ ގޮތެއް ނިންމަން މާދަމާގެ ރައްޔިތުންގެ މަޖިލީހުގައި ތާވަލުކޮށްފި އެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ މިއަހަރު ބާއްވާ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާއެވެ. ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ މިއަހަރަށް މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ އެވެ. އޭގެފަހުން މަޖިލީހުގެ ޖަލްސާއެއް ނުބާއްވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަންއަށް ބާރު ދިނުމުގެ ބިލު ހުށަހަޅީ މަޖިލީހުގެ ކުރީ ދައުރުގަ އެވެ. ކޮމިޓީ މަރުހަލާގައި އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުގައި ދައުރުގެ ފަހު ދުވަހު ބިލު ފާސް ކުރަން ނިންމާފައިވީ ނަމަވެސް ބިލު ފާސް ކުރަން ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެފައި ނުވާތީ ބިލަށް ވޯޓެއް ނާހަ އެވެ.
ނަމަވެސް މާދަމާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފަށާއިރު ދެ ކޮމިޝަނަށް ބާރު ދޭ ބިލު ފާސް ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ. އޭގެ އިތުރުން އާ ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުން ވެސް ވަނީ ތާވަލުކޮށްފަ އެވެ. އެއީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ގާނޫނުލްއުގޫބާތަށް ހުށަހަޅުއްވާފައިވާ އިސްލާހަކާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅުއްވާފައިވަ އިސްލާހަކެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، އިޖްތިމާއީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާމެދު ގޮތެއް ނިންމުމަށް ވެސް އެޖެންޑާ ކޮށްފައި ވެއެވެ.
މާދަމާގެ ޖަލްސާއަށް އިބްތިދާއީ ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލަށެވެ.
ދެ ކޮމިޝަނަށް ބާރު ދޭ ބިލު ފާސް ނުވެއްޖެ ނަމަ ކޮމިޝަންގެ މަސައްކަތްތައް ލަސްވެގެން ދާާނެ ކަމަށް އެ ކޮމިޝަންތަކުން ވަަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރުގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން ވަނީ އެ ބިލު ފާސް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް