ރާއްޖޭގެ ސްކޫލްތަކުގައި ފެން ފިލްޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ފެންއަޅާ ފުޅި ދިން ނަމަވެސް އެ ފުޅިތަކަށް ފެން އެޅުމަށް ޕްލާސްޓިކް ފުޅި ގަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޔުނިސެފުގެ އެހީއާއެކު ސްކޫލުތަކުގައި ކުރިއަށްގެންދާ މި މަޝްރޫޢާއެކު މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިހާރު ރާއްޖޭގެ 213 ސްކޫލަކަށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ނުވެއްދޭ ގޮތަށް ހަމަޖަސާފައިވާކަން ފާހަގަކުރައްވާ މިކަމަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.
އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުން ފަށްޓަވާފައިވާއިރު ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންވެސް ދަނީ މި ކެމްޕެއިންގައި ބައިވެރިވަމުންނެވެ. އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންް ފެށުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް