އެއްޗެއް އުގެނނުމަށްފަހު އެއެއްޗެއް ހަޔާތުގެ އަމަލީ މައިދާނުގައި ބޭނުންކުރަން ނޭންގުމަކީ އެ އުނގޭނޭ މީހަކަށް ކުރިމަތިވާނެ ހިތާމަވެރި މުސީބާތެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔޫތް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ޒުވާނުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ހއ.އަތޮޅުގެ ރަށްތަކުން އަށްޑިހައަށްވުރެ ގިނަ ޒުވާނުންނާއެކު ހޯރަފުށީގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ އިލްމަކާ ނުލާ އަމަލަކީ ނުވާއެއްޗެއްކަމަށެވެ. އަދި އެއްވެސްކަމެއް ކުރަން ބޭނުމިއްޔާ އެކަމެއްގެ ޢިލްމް ފުރިހަމައަށް ނުލިބޭނަމަ އެކަމަކުން ދުރުހެލިވުމަށް އެ މަނިކުފާން އިލްތިމާސްކުރެއްވިއެވެ.
ކޮންމެ ކަމެއް ކުރަން ބޭނުންވާ މީހާވެސް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ އެކަމެއްގެ ޢިލްމް ހޯދުންކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ އަމަލުނުކުރެވޭ އިލްމެއް މީހަކަށް ލިބުމަކީ ދުނިޔޭގައި އެއަށްވުރެ ބޮޑު މޮޔަކަމެއް ނުވާކަމެއްކަމަށެވެ. އަދި އެއަށްވުރެ ބޮޑު ބޭކާރުކަމެއް ނުވާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޒުވާނުންނަށް ބާރު އެޅުއްވީ ދަސްވި ހުރިހާ އެއްޗެއް ހަޔާތުގެ ހުރިހާ މައިދާނެއްގައި ބޭނުންކުރުމަށެވެ.
" އަޅުގަނޑުގެ އެދުމަކީ ދަސްވި ހުރިހާ އެއްޗަކީ ހަޔާތުގެ އަމަލީ މައިދާނުގައި އަބަދުވެސް ބޭނުންކުރާނެ އެއްޗަކަށް ހެދުން " މިނިސްޓަރ ވިދާޅުވިއެވެ.
ބަހާއި، ޘަޤާފަތަށް ޒުވާނުން ޝައުޤުވެރިވުމުގެ މުޙިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޤައުމިއްޔަތުދެކެ ލޯބިވާ ދިވެހި ޒުވާނުންގެ ވަރުގަދަ ޖީލެއް ބިނާކުރުމަކީ މުޙިއްމުކަމެއްކަމަށެވެ. އަޅުގަނޑުމެންގެ ދިވެހި ބަހަށް، ޤައުމިއްޔަތަށް، ޘަޤާފަތަށް، ތަރިކަ ރައްކާތެރިކޮށްގެން ތިބެ، މިބަވަނަ ވެފައިވާ ދުނިޔޭގައި ކުރިއަރާދިއުމަށް ޒުވާނުންގެ އެހީތެރިކަމާ އެއްބާރުލުން މިނިސްޓްރީއަށާއި ސަރުކާރަށް އިންތިޚާއަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޤައުމުގެ މުސްތަޤްބަލް އުޖާލާކުރުމަށާއި، ޤައުމު ކުރިއަރާދިއުމަށް ޒުވާނުންގެ އެހީތެރިކަމާ އެއްބާރުލުން މުޙިންމުކަން މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް