ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަޕޯޓަރުންތަކެއް ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިދިޔަ ބުދަދުވަހު ޔާމީން އައިޖީއެމްއެޗަށް ގެންދިއުމުން، އެމަނިކުފާނަށް ސަޕޯޓްކުރާ މީހުން ވަނީ އައިޖީއެމްއެޗަށް އެއްވެފައެވެ.
އެއްވުމުގެ ބައިވެރިން ރާއްޖޭ ޓީވީގެ ނޫސްވެރިންނަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ ވީޑިއޯއެއް އެ ރޭ އާންމުވިއިރު ރޭގެ ވަގުތެއްގައި އެ ޓީވީގެ ނޫސްވެރިއެއްކަމަށްވާ ދާނިޝް ނިޒާމް މިވަނީ އެއްވުމުގެ ބައިވެރިން އޭނާއަށް ހަމަލާދިން ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
ބައެއް މީޑިއާތަކާއި ވާހަކަ ދައްކަމުން ދާނިޝް ބުނީ، ޕެޕާ ސްޕްރޭ ޖެހުމާއެކު އެއްވުމުގެ ބައިވެރިން ރުޅިގަދަވެ އެމީހުންނާއި ދިމާލަށް އައި ކަމަށެވެ. އަދި އެއްވުމުގެ ބައިވެރިއަކު އޭނާ ކޮށްޕައިލާ ބުރަކަށީގައި ތިން ފަހަރު ޖެހި ކަމަށެވެ.
އެއްވެ ތިބި މީހުންގެ އަމަލަކީ ގޯހެއް ކަމަށް ބުނެ އެކަން ހުއްޓުވަން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު ނިހާނު ހުސެއިން މަނިކު މަސައްކަތް ކުރެއްވި ކަމަށް ވެސް ދާނިޝް ބައެއް މީޑިއާތަކަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް