ދަރުމަވަންތަ ހޮސްޕިޓަލުގައި ތަރައްޤީކުރާ މެޑިކަލް ކޮލެޖުގައި އަންނަ އޭޕްރީލްމަހު ކިޔަވައިދޭން ފަށާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި، ވައިސް ޗާންސެލަރ ޑރ.ފަވާޒް ޝަރީފް ވިދާޅުވީ އަންނަ އޭޕްރީލް މަހު މެޑިކަލް ސްކޫލްގެ ކިޔެވުން ފަށާނީ ދަރުމަވަންތަ ޢިމާރާތުގައި މެޑިކަލް ކޮލެޖު ހިންގުމަށް ދީފައިވާ 2 ފަންގިފިލާގައި ކަމަށެވެ. އަދި އެހެން ސަބަބަކާއި ހުރެ އޭޕްރީލަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ކިޔެވުން ފެށުން ލަސްވެއްޖެ ނަމަ ދަރިވަރުންނަށް ތަނެއް އެމްއެންޔޫގައި ހަމަޖައްސައިދޭނެ ކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް އެންމެ ބޭނުންވާ ތާރީޚަށް އަދި މުޅިން ތައްޔާރުކޮށް ނުނިމުނުނަމަވެސް އަޅުގަނޑުމެނަށް ކުރިއަށްގެންދވޭނެ ގޮތްތަކެއް އެބަހުރި. އެގޮތުން މިހާރުވެސް ހުންނާނެ ކުރިން ބޭނުންކުރަމުން އައި ފެކަލްޓީ އޮފް ހެލްތް ސައިންސްގެ މެޑިކަލް ލެބް އަޕްގްރޭޑްކުރެވިފައި. އަދި ހެލްތް ސައިންސް ބިލްޑިންގގައި ސްޓާފުންނަށް ތިބޭނެ އިންތިޒާމު ހުރި އިރު އެ ބިލްޑިންގގައި ލެބްތައް ވެސް ބޭނުންކުރެވޭނެ. މެޑިސިން ކިޔަވަން ފެށިގެން މިހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދެވޭނެ ތައްޔާރީތައް ވަނީ ވެފައި،" ފަވާޒް ވިދާޅުވިއެވެ.
ރާއްޖޭގައި ފަށާ އެންމެ ފުރަތަމަ މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވައިދޭނީ އެންމެ ޒަމާނީ ވަޞީލަތްތަކާއި އެކުއެވެ. އެގޮތުން އަލަށް ޢިމާރާތްކުރާ މެޑިކަލް ކޮލެޖުގައި މައިގަނޑު 3 ލެބޯޓަރީ ހުންނައިރު ލެކްޗަރ ހޯލަކާއި ޓިއުޓޯރިއަލް 4 ކޮޓަރިއާއި ލައިބްރަރީއެއް ހުންނާނެއެވެ. މެޑިކަލް ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
މިއަހަރު ސަރުކާރުން ޢިއުލާންކޮށްފައިވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން މެޑިސިން ހަދަން ބޭނުންވާ ދަރިވަރުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މެޑިސިން ހަދަން ބޭނުންވާ ދަރިވަރުންނަށް އަންނަ މާޗު މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް