ފަތިސް ނަމާދަށްފަހު ގެއަށް ދިޔަ މަގުމަތީގައި ތަފާތު މަންޒަރެއް ފެނުނެވެ. މަގު މެދުގައި އުޑަފައިނުން އިށީނދެ ބުޅާ ތަކަކަށް ކާންދޭން އިނީ ހަމަ ގައިމުވެސް ދިވެއްސެއް ނޫނެވެ. ބޭރު އަންހެނެކެވެ.
ތަންކޮޅެއް ދުރުގައި ސައިކަލު މަޑުކޮށްލައިގެން އެ ކުރަނީ ކީއްތޯ ބަލައިލަން މަޑުކޮށްލީމެވެ. އެ އަންހެންމީހާ ކުޑަ އިރުކޮޅަކު އެތާނގައި އިނދެފައި ހިނގައިގަތެވެ. ގާތްގަނޑަކަށް ކޮންމެ ކަންމައްޗަކަށް މަޑުކޮށް އޭނާ ދިޔައީ ބުޅަލަށް ކާންދޭ "ކެޓް ފުޑް" ބިންމަތީގައި ބަހައްޓަމުންނެވެ.
ތަންކޮޅެއް ގާތަށް ގޮސް މަންޒަރު ބަލަން މަޑުކޮށްލީމެވެ. ބުޅާތަކަށް ކާންދިނުމުގެ އިތުރުން އެ އަންހެންމީހާ ބުޅަލުގައި ފިރުމާ ބުޅާ ތަކާއި ވާހަކަވެސް ދައްކަމުން ދިޔައެވެ. ކޮންމެ ބުޅަލަކަށް ވަކި ނަމެއްވެސް ކިޔައެވެ.
ގާތަށް ގޮސް ބައެއް މައުލޫމާތު ހޯދާލަން ވާހަކަ ދައްކާލީމެވެ. އެ އަންހެން މީހާ ބުނީ އޭނާ އަކީ މާލޭގައި ވަޒީފާ އަދާކުރަން އުޅޭ އިނގިރޭސި ވިލާތު އަންހެނެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހަމަ ކޮންމެ ރެއަކު ފަތިސް ގަޑީގައި ބުޅަލަށް ކާން ދިނުމަށް ނިކުންނަ ކަމަށެވެ. އަދި ކޮންމެ ރެއަކު މަދުވެގެން 30 އާއި 40 އާއި ދެމެދު އަދަދަކަށް ބުޅަލަށް ކާންދޭ ކަމަށް އޭނާ ބުންޏެވެ. އަދި ކޮންމެ މަހަކު ގާތްގަނޑަކަށް 300 ޑޮލަރު ހަމަ އެކަނި "ކެޓް ފުޑް" އަށް ހަރަދު ކުރާކަމަށްވެސް އޭނާ ބުންޏެވެ. ގޭގައިވެސް ދެ ބުޅާ ގެންގުޅޭ ކަމަށް ބުންޏެވެ.
ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އޭނާ އެކަން ކުރަނީ "ހިއުމޭން އެސޯސިއޭޝަން އޮފް މޯލްޑިވްސް" ނަމަކަށް ކިޔާ ދިވެހި ޖަމިއްޔާއަކާއި ގުޅިގެންނެވެ. އެ ޖަމިއްޔާގެ އެތައް ބަޔަކު ކޮންމެ ރެއަކު މުޅި މާލޭގައި ބުޅާ ތަކަށް ކާން ދިނުމުގައި ހަރަކާތްތެރިވާކަށް އޭނާ ބުންޏެވެ.
"އަހަރެން އެކަންޏެއް ނޫން، އިތުރު ބޭރު ދެތިން މީހަކުވެސް އުޅޭނެ، ބައެއް ކުދިން ބުޅަލަށް ކާންދޭން ނިކުންނާނީ ރޭގަނޑު ނުވައެއްގެ ފަހުން، އަހަރެން ނިކުންނަނީ ފަތިސް ވަގުތު، އައިއޭމް އަ މޯނިން ޕާސަން" އޭނާ ބުންޏެވެ.
ބުޅާ ތަކަށް ކާންދިނުމުގެ މަގުސަދަކީ ކޮބައިތޯ އާއި މަސައްކަތް ކުރުމުގައި ދިމާވާ ދަތި ތަކަކީ ކޮބައިތޯވެސް އަހާލީމެވެ. އޭނާ ބުނީ ބުޅާ ތަކަށް މިގޮތަށް ކާން ދިނުމުން މުޖްތަމައަށް މާ ރަނގަޅުވާނެ ކަމަށެވެ. ނޫން ނަމަ ބުޅާތައް ކާނީ ރެސްޓޯރެންޓުތަކުން ނެރޭ ކުނިބުނި ކަމަށެވެ. އަދި އެ ކުނި ބުނި ހޭވުމުން ބަލިމަޑުކަންވެސް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް މިހެން ކާންދޭނަމަ ބުޅާތައް އެ ކުނި ބުނި ހާވަން ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ މާލޭގައި މިހާރު ބުޅާ ވަރަށް ގިނަ ކަމަށާއި އޭނާ އެކަނި ދުވާލަކު 30 ނުވަތަ 40 ބުޅަލަށް ކާންދޭއިރު ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އެކަމަށް މިހާރުވެސް ރަހުމަތްތެރިންގެ ފަރާތުން އެހީތެރިކަން ލިބޭ ކަމަށާއި ނަމަވެސް އިތުރު އެހީތެރިކަން އެކަމަށް ބޭނުންވާކަމުގައި އޭނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް