ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތަށް ހދ ކުޅުދުއްފުށިންވެސް ފުލުހަކު ހައްޔަރު ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށީގައި ގާއިމްވެތިބޭ ފުލުހުންގެ ތެރޭގައި ހިމެނޭ އެސްއޯ ފުލުހެކެވެ. ނަމަކީ އަހުމަދު އާސިމް ހުސެއިން އެވެ.
އޭނާ ހައްޔަރު ކޮށްފައިވާއިރު އޭނާގެ ފޯނާއި ލެޕްޓޮޕްވެސް ހިފަހައްޓާފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
މި ހައްޔަރާއި ބެހޭގޮތުން ފުލުހުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ފުލުސް މީހާގެ އާއިލާގެ މެމްބަރުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި މިކަން ކަށަވަރު ކޮށްފައި ވެ އެވެ.
ކުޅުދުއްފުށިން ފުލުހަކު ހައްޔަރު ކޮށްފައިވާއިރު އެސްއޯ ކުރީގެ ކޮމާންޑަރު ސައިފު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަމަ އެ ރޭ ދެ ފުލުހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ގިނަ ބަޔަކު އަންނަނީ ހައްޔަރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް