ފުލުހުންގެ ވެހިކަލަށް އެރުވި ފަހުން އަނިޔާކުރި މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މުޒާހަރާގެ ތެރެއިން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށް ފުލުހުންގެ ވެހިކަލަށް އެރުވި ފަހުން ކުލަ ހެދުމުގައި ތިބި ދެމީހަކު ފުލުހުންގެ ވެހިކަލަށް އަރާ، ހައްޔަރު ކޮށްފައިވާ މީހާއަށް އަނިޔާ ކުރި މަންޒަރު ފެން...

24 Feb 2018 | 11:26

މުޒާހަރާގެ ތެރެއިން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށް ފުލުހުންގެ ވެހިކަލަށް އެރުވި ފަހުން ކުލަ ހެދުމުގައި ތިބި ދެމީހަކު ފުލުހުންގެ ވެހިކަލަށް އަރާ، ހައްޔަރު ކޮށްފައިވާ މީހާއަށް އަނިޔާ ކުރި މަންޒަރު ފެންނ ވީޑިއޯގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑް އިން ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ، ވީއެފްޕީ އިން ފުލުހުން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރުމަށް ހަދާފައިވާ ވައިބަރ ގްރޫޕަށް ލުމުންނެވެ. މިކަން ހާމަކޮށްފައިވަނީ ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެވެ.

ހައްޔަރުކޮށްފައިވަނީ ހުސެއިން ޝިފާއު ނަމަކަށް ކިޔާ، ރައީސް މައުމޫންގެ ސަޕޯޓަރެކެވެ. ކުނޫޒް ކައިރިން އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ 02:30 ހާއިރުގައި އެވެ.

ސޯޝަލް މީޑިއާގައި ތިން ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެންމެ ފުރަތަމަ ވީޑީއޯއިން ފެންނަނީ ޝިފާއު ހައްޔަރުކުރުމުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރެވެ. ކުލަ ހެދުމުގައި ތިބި  ބަޔަކުވެސް ޝިފާއު ހައްޔަރު ކުރަން މަސައްކަތްކުރި އިރު އަނިޔާ ކުރި މަންޒަރު ފެނިގެން ދިޔަ އެވެ. އަދި އޭރު އޮތީ ޝިފާއު ލައިގެން ހުރި ޓީޝާޓްވެސް އިރާލާފަ އެވެ. އެ ވީޑިއޯއިން ކުލަ ހެދުމުގައި ތިބި ދޭއް ނޫނީ ތިން މީހަކު ޝިފާއު ހައްޔަރު ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ. ކުލަ ހެދުމުގައި ތިބީ ފުލުހުންކަން ނުވަތަ ނޫންކަން ކަށަވަރެއް ނޫނެވެ. ފަހުން ޔުނީފޯމުގައި ތިބި ފުލުހުން ޝިފާއު އާ ހަވާލުވުމުން ކުލަ ހެދުމުގައި ތިބި މީހުން އެތަނުން ދާ މަންޒަރު ފެނެ އެވެ.

ދެވަނަ ވީޑިއޯއިން ފެންނަނީ ޝިފާއު ހައްޔަރުކޮށް ފުލުހުންގެ ވެހިކަލާއި ދިމާއަށް ގެންދާ މަންޒަރެވެ. އެ މަންޒަރުގެ ބެކްގްރައުންޑުން އިވެނީ އަނިޔާވެރި ނުވުމަށް އާންމުން ގޮވަމުންދާ އަޑެވެ.

ތިންވަނަ ވީޑިއޯއިން ފެންނަނީ ފުލުހުންގެ ވެހިކަލަށް (ބޮޑު ލޮރީއަކަށް) އެރުވުމަށްފަހު އިރުކޮޅަކުން ކުލަ ހެދުމުގައި ތިބޭ ދެމީހަކު އެ ވެހިކަލްގެ ތެރެއަށް އަރައި އަނެއްކާވެސް ޝިފާއުއަށް ހަމަލާ ދޭ މަންޒަރެވެ. އެ ދެމީހުން ދުރުކުރަން ޔުނީފޯމުގައި ތިބި ފުލުހުން މަސައްކަތްކުރި ނަމަވެސް އެ ދެމީހުން ކުރާނެ ކަމެއް ކުރުމުގައި ހުރަހެއް ނެތްކަމުގައި ވީޑިއޯއިން ފެނެ އެވެ. އަދި ވެހިކަލްގެ ބިތާ ދިމާއަށް ޝިފާއު ބާރަށް ކޮއްޕާލާ މަންޒަރާއި ކުލަ ހެދުމުގައި ތިބި ދެމީހުން ދެ ފަރާތުން ޝިފާއުގެ ވަށާލާ އަނިޔާވެރިވާ މަންޒަރު ފެނެ އެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯތައް ދައުރުވަމުން އަންނައިރު ޝިފާއު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ. ޝިފާއު އަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް