ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިއްޔެ އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އައްޑޫން ހައްޔަރު ކުރި ދެމީހުން ދޫކޮށްލައިފި އެވެ.
ދެމީހުން ދޫކޮށްލާފައިވަނީ އެ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންނެވެ.
އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައި ބުނެފައިވާގޮތުގައި ސ.މަރަދޫ ފިތުރޯނުގޭ މުހައްމަދު ވަޖުދީ އާއި ހަމަ އެރަށު ދޭލިގޭ އާސިމް ވަޖްދީ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހިތަދޫގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމަށް ފަހު އެނބުރި މަރަދޫއަށް ދިޔަ މަގުމަތީގައެވެ.
އެމީހުންގެ މައްޗަށް ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތު ކަމުގައިވެސް އައްޑޫލައިވްގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް