މި ޒަމާނުގައި ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯނު މިވަނީ ކުޑަކުދިންނަށް އާންމު އެއްޗަކަށް ވެފަ އެވެ. ދަރި ރޯލާއިރަށް ހުއްޓުވާލަން ކުރެވޭ ކަމަކީ ޔޫޓިއުބުން ވީޑިއޯއެއް އަޅުވާލުމެވެ. ނުވަތަ ދަރިފުޅު ކުޅެލަން ފޯނު އަތަށް ދިނުމެވެ. ރޯލާ ކޮންމެ ފަހަރަކު އެ އާދަ އިތުރުވަމުންގޮސް އަދުގެ ޖީލުގެ ކުޑަކުދިން އަންނަނީ ލެޕްޓޮޕާއި، ޓެބްލެޓާއި ސްމާޓް ފޯނަށް ދެވި ހިފަމުންނެވެ.
އެމެރިކަން އެކަޑެމީ އޮފް ޕީޑިއާޓްރިކްސް އިން އިލްތިމާސް ކޮށްފައިވާގޮތުގައި އުމުރުން ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިން ޓެބްލެޓް ފަދަ ތަކެތި ބޭނުންކުރަންވާނީ ގިނަ ވެގެން ގަޑިއެއްހާއިރަށެވެ. 18 މަހުން ދަށުގެ ކުދިންގެ އަތަށް އެފަދަ އާލާތެއް އެއްގޮތަކަށް ނުދިނުމަށް އިލްތިމާސް ކުރެ އެވެ.
ތަފާތު އެކި ދިރާސާތަކުން ދައްކާގޮތުގައި މިފަދަ އަމަލުތަކުން ކުޑަކުދިންނަށް ފައިދާއަށްވުރެ ބޮޑަށް ލިބެނީ ގެއްލުމެވެ. ނިދުމުގެ މައްސަލަ އާއި އާންމު މުޖްތަމައުގެ ގުޅުންތަކުން ދަރިން ދުރުވާ މައްސަލަ ހިމެނޭއިރު ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ގިނައިން ޓެބްލެޓް ފޯނު ބޭނުންކުރާ ކުދިން "ސްކްރީން ޑިޕެންޑެންސީ ޑިސޯޑާ" ގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑެވެ.
ސްކްރީން ޑިޕެންޑެންސީ ޑިސޯޑާ(އެސްޑީޑީ) އަކީ އިންޓަނެޓް އެޑިކްޝަން ޑިސޯޑާ ފަދަ ހާލަތެއްގެ ގޮތުގައި ސައިކޮލޮޖިސްޓުން ސިފަ ކުރެ އެވެ.
ސައިކޮލޮޖިސްޓުން އަދި ޗައިލްޑް ޑެވެލޮޕްމެންޓް ސްޕެޝަލިސްޓުން ހާމަކުރާގޮތުގައި އުމުރުން ތިން އަހަރު ނުވަތަ ހަތަރު އަހަރުގެ ކުދިންވެސް އެސްޑީޑީގެ ޝިކާރައަކަށް ވެދާނެ އެވެ. އެގޮތުން ހޭލުމާއެކު ޓެބްލެޓް ނުވަތަ ފޯނު ހޯދައިގެން ބަލަން ނުވަތަ ކުޅެން ފެށުމާއި ކާމޭޒުމަތީގައިވެސް ސްކްރީނަށް ނަޒަރު ހުއްޓައިގެން އިނދެ ކެއުމާއި ގިނަ ވަގުތު ވީޑިއޯ ބެލުމާއި އެކި އެޕްލިކޭޝަންތައް ބޭނުންކުރުން ހިމެނެ އެވެ.
ފެމިލީ ލައިފް އަދި ޗައިލްޑް ޑެވެލޮޕްމެންޓް ސްޕެޝަލިސްޓް އަދި އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކޮންސަލްޓެންޓެއް ކަމުގައިވާ ކްލޯޑެޓް އަވަލީނޯ ޓަންޑޮކް ބުނެފައިވާގޮތުގައި އެސްޑީޑީގެ ސަބަބުން ބައެއްކަހަލަ ކަންކަން ދަރިންނަށް މެދުވެރިވެ އެވެ. އޭގެ ތެރޭގައި ދަރިންގެ ނިދުމުގެ ކޮލިޓީ ދަށްވުމާއި ބުރަކައްޓަށް ތަދުވުމާއި ބަރުދަން މާބޮޑަށް އިތުރުވުން ނުވަތަ ބަރުދަން މާ ބޮޑަށް ލުއިވުމާއި، ލޮލުގެ ފެނުމަށް މައްސަލަ ދިމާވުމާއި، ބޮލުގައި ރިއްސުމާއި، ދޮގުހެދުން އާންމު ވުމާއި ގިނަ ވަގުތު އެކަނިވެރިކަން ހިޔާރު ކުރުމާއި އާންމު މުޖްތަމައުގެ ގުޅުންތަކުން ދުރުހެލިވުން ހިމެނެ އެވެ.
ހަމަ މި ދާއިރާގައި އެމެރިކާގެ ރިސާޗް ގްރޫޕެއް ކަމުގައިވާ ދަ ސިގްމަން ރިސާޗް އިން ދާދި ފަހުން ދިރާސާއެއް ކޮށްފައި ވެ އެވެ.
އެ ދިރާސާއިން ދައްކާފައިވާގޮތުގައި ސްކްރީނަށް އެޑިކްޓް ވެފައިވާ ކުދިންގެ އަމަލުތައް ހުންނަ ގޮތަށްވެސް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެގޮތުން ޓެބްލެޓް ނުވަތަ ފޯނު ބޭނުންކުރުން މަދުކުރަން ބުނެފި ނަމަ އެކަމާ ބޮޑާ ހޭކުމާއި ރޮއެގެން ނަމަވެސް އަލުން ބޭނުންކުރަން ފެށުމާއި ރުޅި ގަދަވުމާއި އެހެނިހެން ކަންކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަވުމާއި ވާހަކަ ދެއްކުން މަދުކުރުން ހިމެނެ އެވެ.
ދަރިންގެ ކިބައިން އެސްޑީޑީއަށް މަގުފަހިވާފަދަ އަމަލުތައް ފެންނަ ނަމަ ޕީޑިއާޓްރިޝަނަކަށް ކޮންސަލްޓް ކޮށްލުމަށް ދަ ސިގްމަން އަދި އަވަލީނޯ ޓަންޑޮކް އިލްތިމާސް ކުރެ އެވެ.
އެސްޑީޑީގެ ސަބަބުން ސިކުނޑިއަށް ގެއްލުންތަކެއް ވާކަމުގައިވެސް އަވެލީނޯ ޓަންޑޮކް ހާމަކުރެ އެވެ. އެގޮތުން އޭނާ ބުނަނީ ސްކްރީނަށް އެޑިކްޓް ވާނަމަ ގެއްލުން ބޮޑުވަނީ ސިކުނޑީގެ އިންޕަލްސް ކޮންޓްރޯލް ބަޔަށް ކަމަށާއި އެ ބަޔަކީ ކަންކަން ކުރުމަށް ބާރު އަޅާ ބައި ކަމަށެވެ. ކަންކަން ޕްލޭން ކުރުމާއި، ކަންކަމަށް އިސްކަންދޭ ތަރުތީބަށް ބަދަލުތަކެއް އަންނަ ކަމުގައިވެސް ފާހަގަ ކޮށްފައި ވާއިރު ސިކުނޑީގެ އޭރިއާއެއް ކަމުގައިވާ "އިންސުލާ" އަށްވެސް ގެއްލުންވާކަމަށް ދިރާސާގެ އަލީގައި އޭނާ ބުނެފައި ވެ އެވެ.
އިންސުލާ އަކީ އާއިލާގެ މެމްބަރުންގެ މެދުގައި އޮންނަ އާއިލީ ގުޅުމާއި ދޭދޭ ގުޅުންތަކާއި ކަންކަމަށް ހުންނަ ލޯބި ދަމަހައްޓާ ބައެވެ. މީގެ އިތުރުން ސްކްރީނަށް އެޑިކްޓްވާނަމަ ކުރާ އެހެން ކަންކަމުގެ ކޮލިޓީ އިންތިހާއަށް ދަށްވަ ކަމުގައިވެސް ދިރާސާތަކުގެ އަލީގައި އޭނާ ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް