ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށް ފުލުހުންގެ ވެހިކަލަށް އެރުވުމަށްފަހު މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
ހައްޔަރުކޮށްފައިވަނީ ހުސެއިން ޝިފާއު ނަމަކަށް ކިޔާ، ރައީސް މައުމޫންގެ ސަޕޯޓަރެކެވެ. ކުނޫޒް ކައިރިން އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ 02:30 ހާއިރުގައި އެވެ.
ސޯޝަލް މީޑިއާގައި ތިން ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެންމެ ފުރަތަމަ ވީޑީއޯއިން ފެންނަނީ ޝިފާއު ހައްޔަރުކުރުމުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރެވެ. ކުލަ ހެދުމުގައި ތިބި ބަޔަކުވެސް ޝިފާއު ހައްޔަރު ކުރަން މަސައްކަތްކުރި އިރު އަނިޔާ ކުރި މަންޒަރު ފެނިގެން ދިޔަ އެވެ. އަދި އޭރު އޮތީ ޝިފާއު ލައިގެން ހުރި ޓީޝާޓްވެސް އިރާލާފަ އެވެ. އެ ވީޑިއޯއިން ކުލަ ހެދުމުގައި ތިބި ދޭއް ނޫނީ ތިން މީހަކު ޝިފާއު ހައްޔަރު ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ. ކުލަ ހެދުމުގައި ތިބީ ފުލުހުންކަން ނުވަތަ ނޫންކަން ކަށަވަރެއް ނޫނެވެ. ފަހުން ޔުނީފޯމުގައި ތިބި ފުލުހުން ޝިފާއު އާ ހަވާލުވުމުން ކުލަ ހެދުމުގައި ތިބި މީހުން އެތަނުން ދާ މަންޒަރު ފެނެ އެވެ.
ދެވަނަ ވީޑިއޯއިން ފެންނަނީ ޝިފާއު ހައްޔަރުކޮށް ފުލުހުންގެ ވެހިކަލާއި ދިމާއަށް ގެންދާ މަންޒަރެވެ. އެ މަންޒަރުގެ ބެކްގްރައުންޑުން އިވެނީ އަނިޔާވެރި ނުވުމަށް އާންމުން ގޮވަމުންދާ އަޑެވެ.
https://twitter.com/a_nadraa/status/967152254393266177
ތިންވަނަ ވީޑިއޯއިން ފެންނަނީ ފުލުހުންގެ ވެހިކަލަށް (ބޮޑު ލޮރީއަކަށް) އެރުވުމަށްފަހު އިރުކޮޅަކުން ކުލަ ހެދުމުގައި ތިބޭ ދެމީހަކު އެ ވެހިކަލްގެ ތެރެއަށް އަރައި އަނެއްކާވެސް ޝިފާއުއަށް ހަމަލާ ދޭ މަންޒަރެވެ. އެ ދެމީހުން ދުރުކުރަން ޔުނީފޯމުގައި ތިބި ފުލުހުން މަސައްކަތްކުރި ނަމަވެސް އެ ދެމީހުން ކުރާނެ ކަމެއް ކުރުމުގައި ހުރަހެއް ނެތްކަމުގައި ވީޑިއޯއިން ފެނެ އެވެ. އަދި ވެހިކަލްގެ ބިތާ ދިމާއަށް ޝިފާއު ބާރަށް ކޮއްޕާލާ މަންޒަރާއި ކުލަ ހެދުމުގައި ތިބި ދެމީހުން ދެ ފަރާތުން ޝިފާއުގެ ވަށާލާ އަނިޔާވެރިވާ މަންޒަރު ފެނެ އެވެ.
https://twitter.com/a_nadraa/status/967166866610307073
ސޯޝަލް މީޑިއާގައި ވީޑިއޯތައް ދައުރުވަމުން އަންނައިރު ޝިފާއު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ. ޝިފާއު އަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
https://twitter.com/MarsheethaMarsh/status/967220871533219845
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް