ބޮޑުތަކުރުފާނު މަގުގައި ހިންގަމުން އަންނަ "ކެފޭ ތާސީރު" ބަންދުކުރަން މާލޭ ސީޓީ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ބުނެފައިވާގޮތުގައި އެގޮތަށް ނިންމާފައިވަނީ އެގްރީމެންޓާއި ހިލާފަށް ހިންގާތީއެވެ.
އެ ކައުންސިލުން ބުނެފައިވަނީ މާލޭގެ 358 ނަންބަރު ކޮށީގައި، މާލޭގެ ދެކުނު ފަރާތު ވިލާގޭސް ބޮޑުތަކުރުފާނުމަގާއި އިންވެގެން ހުރި ހަތް ނަންބަރު ފާޚާނާބަރީގައި ހިންގަމުންދާ"ކެފޭ ތާސީރު" ގެ ވިޔަފާރި ހުއްޓުވާ އެތަނުން އެ ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރުއޮތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިކަމަށެވެ.
”މިކަން ހުއްޓުވަން ނިންމީ ކެފޭ ތާސީރު ބަދިގެ އަކީ ގިނަ އަދަދެއްގެ ގޭސްފުޅި ގުދަންކުރެވިފައި ހުންނަ ތަނަކާއި އިންވެގެން ހުންނަ ބަދިގެއެއް ކަމުން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރުއޮތުމުން “މުއިއްޒު ވިދާޅުވެފައިވެއެވެ.
މޭޔަރު ވިދާޅުވީދާދިފަހުންވެސް ވަނީ ކެފޭއެއްގެ ބަދިގޭގަ ރޯވެގެން ވަރަށްބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިކަމަށާއި، މީގެ އިތުރުން ދާދި ފަހުން ނީލަން ފިހާރަ ހުރިތަނުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުންތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް އަނދައިގެންގޮސްފައިވާކަމަށެވެ. އެ ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި މަންޒަރު ވަނީ ފެނިގެންގޮސްފައި ކަމަށާއި، ތާސީރު ކެފޭގެ ވާހަކަ މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވީ މިހުރިހާ ކަމަކާއި ގުޅިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.
”އެއީ މި ކެފޭ އާއި ޖެހިގެން ހުރީ ވިލާ ގޭސް އަދި މޯލްޑިވްގޭސް ގެ ގޭސްފުޅިތައް، އަދި މާ ދުރުނޫން ހިސާބުގަ ޕެޓްރޯލް ޝެޑްވެސް އެބަހުރި. ކަމެއް ދިމާވާނީ ބުނެފައެއްނޫން. މިތަނުގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގަ އިމޭޖްވެސް ނުކުރެވޭ ވަރުގެ ސްކޭލަކަށް ވެދާނެ“ މޭޔަރު ވިދާޅުވެފައިވެއެވެ.
މިކަމަކީ ޤާނޫނީ ވަރަށް ގިނަ މަރުޙަލާތައް ހިނގާފައިއޮތް ކަމެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ އަސްލު މައްސަލައަކީ އެބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދެވިފައިވާތަނެއް ނަމަވެސް އެގްރީމެންޓާއި ޚިލާފްވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ ކައުންސިލާއި އެއްކޮޅަށް ވަނީ ނިމިފައިކަމަށްވެސް ބުނެފައިވެއެވެ.
”ދާދި ފަހުންވެސް ކައުންސިލުން އެތަން ހުސްކުރަން ދިޔަ ނަމަވެސް، އެފަރާތުން ވަނީ ކައުންސިލާއި ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދަށު ކޯޓަށް މައްސަލަ ހުށަހަޅާފަ. އެހެން ނަމަވެސް ކޯޓުން ކައުންސިލާއި ދެކޮޅަށް އެ އަމުރު ނެރެދީފައެއް ނުވޭ“ މުއިއްޒު ވިދާޅުވެފައިވެއެވެ.
މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ ކެފޭ ތާސީރު ހިންގާ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ކަމަށާއި، މި މައްސަލަ މިހާރުވެސް ދަނީ ހައި ކޯޓުގައި ހިނގަމުންކަމަށެވެ. މޭޔަރުގެ އިތުރުން ކައުންސިލަރުންވެސް ވަނީ މި ކެފޭ ބަންދު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް