ސަރުކާރުން އަދިވެސް ގެންގުޅެނީ ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރު ކުރުމުގެ ސިޔާސަތު: ނަޝީދު

މި ސަރުކާރުން އަދިވެސް ގެންގުޅެމުންދަނީ ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރު ކުރުމުގެ ސިޔާސަތު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވ...

24 Jan 2023 | 16:20

މި ސަރުކާރުން އަދިވެސް ގެންގުޅެމުންދަނީ ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރު ކުރުމުގެ ސިޔާސަތު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އަށް އައްޑޫ ސިޓީއަށް ވަޑައިގެން ހިތަދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރޮލާ އަދިވެސް މަސް ބޭރުކުރަމުން ދަނީވެސް ކޯލިޝަންގެ މެނިފެސްޓޯއެއް ތަންފީޒު ކުރަމުންދާތީ ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ ވިސްނުމަކީ މަސް ޕްރޮސެސް ކުރުމެއް ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން މަހުގެ އަގު 25 ރުފިޔާއަށް އުފުލިގެން ދާނެ ކަމަށް ވެސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު ހުޅުވަން އުޅުނުނަމަ ސަރުކާރަށް އެއީ ހަފްތާއެއްހާ ދުވަހުން ކުރެވިދާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ރިސޯޓު މިހައިތަނަށް ހުޅުވިގެން ގޮސްފައި ނުވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ މިހާތަނަށްވެސް ސަރުކާރަށް ދޫކޮށް ނުލެވިގެން ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

ޝަންގްރިއްލާ ނުހުޅުވި ލަސްވަމުންދަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށް ނެލެވިގެން ކަމަށް ބުނެ ނަޝީދު ތުހުމަތު ކުރައްވާފައި ވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެން ރައީސް ޞާލިހް ވަނީ އެ ރިސޯޓުގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރެއިން އައްޑޫގައި ހިންގާ ޝަންގްރިއްލާ ކޮވިޑާ ހެދި ބަންދުކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ.

ޝަންގްރިއްލާ ބަންދުކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އައްޑޫގެ އިޤުތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް