ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި ފަރާތަށް އެވޯޑް ނޮޓިފިކޭޝަން ހަވާލުކޮށްފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް މިއަދު މިއަދު ހަވާލުކޮށްފައިވާކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފިއ...

24 Jan 2023 | 15:08

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް މިއަދު މިއަދު ހަވާލުކޮށްފައިވާކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ފަސް ދުވަހުގެ ސްޓޭންޑްސްޓިލް މުއްދަތަށްފަހު، މާލިއްޔަތު ޤަވާޢިދުގެ ދަށުން އެފަރާތަށް ރަސްމީކޮށް މަޝްރޫޢު އެވޯޑުކުރެވިގެންދާނެކަމަށެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރެވޭނެކަމަށާއި މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީ ކުރެވިގެންދާނެކަމުގައި މިނިސްޓްރީން ބުނެއެވެ. އަދި ވިޔަފާރި އަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރެވިގެން ދާނެކަމަށާއި އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި  މީގެ އިތުރުން އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް މި މަޝްރޫޢުގެ ތެރޭގައި ތަރައްޤީކުރުން ހިމެނޭކަމުގައި މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި މިއީ ދެކުނުގެ  އަތޮޅުތަކަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެކެވެ. އަދި މިއީ މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ތަރައްޤީކޮށްދޭނެ އުއްމީދީ މަޝްރޫޢެކެވެ. ދެކުނުގެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކުރުމުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް މުހިންމު ދައުރެއް އަދާކުރާނެކަމަށާއި މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމުގައި މިނިސްޓްރީން ދެކެއެވެ. އައްޑޫ ސިޓީގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މުހިއްމު ދައުރެއް އަދާ ކުރާނެކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް