އެމްޑީޕީ ރިޔާސީ ޓިކެޓު ދިނުމުގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާއި ދެ ރައީސުންވެސް ކެމްޕޭނު ފޯރީގައި ކުރިއަށްދާއިރު ރައީސް ނަޝީދުގެ މަންޒަރު ބޮޑުކޮށްދިނުމުގައި ޕީޕީއެމްގެ ދައުރު ބޮޑުކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.
މި އަޑުތަކާއެކު ބައެއް ކުލަ މަންޒަރުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. ބައެއް ފޮޓޯތަކުން ފެންނަގޮތުގައި ޕީޕީއެމް ނުވަތަ ޕީއެންސީއަށް ދާދި ފަހަކުން ސޮއި ކުރާ ބައެއް ފަރާތްތައް "ފިކުރެއްގެ ދިރުން" ޓީޝާޓުގައި ކިޔޫގައި ތިއްބާ ފެއެވެ. އަދި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލުމުގެ ކެމްޕޭނަށް ޕްރޮގްރެސިވް ކޯލީޝަނުން ތައްޔާރުކޮށް ރަށްރަށާއި ހަމައަށް ފޯރުވާފައިވާ ޓީޝާޓުތައް ލައިގެން އެއް ދުވަހު ތިބޭ މީހުން އަނެއް ދުވަހު ރައީސް ނަޝީދުގެ ސަލާމު ކިޔޫގައި ތިބޭ މަންޒަރުވެސް ދަނީ ދައުރުވަމުންނެވެ.
މިކަމުގެ އަޑު އަނެއްކާވެސް ވަކިން އިތުރަށް ގަދަވެފައިމިވަނީ ރައީސް ނަޝީދުގެ ކެމްޕޭނު ނިންމުމަށް ހެދިގޮނޑުދޮށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ޖަލްސާގެ މަންޒަރު އިތުރަށް ބޮޑުކުރުމަށް އާބާދީ ބޮޑެތި ސަރަހައްދުތަކުން، ހާއްސަގޮތެއްގައި އައްޑޫ އަދި ފުވައްލުމައް ސިޓީއިން ގިނަ ބަޔަކު ގެންނަން މަސައްކަތްކުރާ ވާހަކަޔާއި އެކުގައެވެ. އެކަން އެމަގުން ކުރުމަށް އަޑި ނޭނގޭ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމުގައި އެ ރަށްރަށަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
މިކަންކަމަށް ބާރުލިބޭ އަނެއް ކަމަކީ މިކަން ރަސްމީ ސިފައެއްގައި ރައީސް ނަޝީދުގެ ފަޅިންވެސް އަދި ޕްރޮގްރެސިވް ކޯލީޝަނުންވެސް ކުށްވެރިކޮށްފައި ނުވުމެވެ. އަދި މިކަމަށް ބާރުލިބޭ އަނެއްކަމަކީ ކެމްޕޭނު ޖަލްސާތަކާއި ކެމްޕޭނުގައި ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ރައީސް ނަޝީދު ކުރާ ތައުރީފެވެ. މިއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ރައީސް ނަޝީދު ޕްރޮގްރެސިވް ކޯލީޝަނާއެކު ކޯލީޝަން ފުޅާކޮށްފާނެކަމުގައި މިވަނީ ބެލެވެން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް