ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމީ ރަނގަޅަށް ނޫންކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެ އޮފިސަރުންތައް ވަޒީފާއިން ވަކިކުރަން ނިންމީ ރަނގަޅަށް ނޫން ކަމަށް ސިވިލް ކޯޓުން މިދިޔަމަހު ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއް ގައެވެ. ނަމަވެސް މި މައްސަލަ ބަލައިގަތްކަމެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސިވިލް ކޯޓުގެ ޙުކުމުން ދޭހަވާގޮތުގައި ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ ޕޮލިސް ބޯޑުން އެ ފަސް އޮފިސަރުންނާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމާފައިވާކަން އެނގެންނެތިއެވެ.
އަދި ހަމައެހެންމެ ޕޮލިސް ބޯޑުން ކަންކަން ނިންމޭނީވެސް ހުށަހެޅޭ ހެކިތަކަށް ބެލުމަށް ފަހުގައިކަމަށްވެސް ޙުކުމުގައިވެއެވެ.
ޕޮލިސް ބޯޑުން ބަލަންޖެހޭ ކަންކަމަކީ ކޮބައިކަން ޤާނޫނުގައި ބަޔާންކުރާގޮތުން އެ ބޯޑަށް އޮފިސަރުންގެ ތަޢުލީމީ ފެންވަރާއި ތުހުމަތު ކުރެވޭ ކަންކަން ބެލުމުގެ ބާރުއޮތްކަމުގައި ވީނަމަވެސް އެއީ ވަޒީފާއިން ވަކިކުރުމަށް އެ ބޯޑަށް ލިބިގެންވާ ބާރެއް ނޫންކަމުގައި ވެސް ސިވިލް ކޯޓުގެ ޙުކުމުގައިވެއެވެ.
ޕޮލިސް ބޯޑުން ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އޭގެ ތެރެއިން ފަސް އޮފިސަރެކެވެ.
އެއީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް