އަންނަ މަހުގެ 22 އަށްފަހު އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ބަލައިނުގަންނާނެ

އަންނަ ފެބްރުއަރީ މަހުގެ 22 ގެ ފަހުން، މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބަލައިނުގަންނާނެކަމުގައި މޯލްޑިވިއަންއިން ބުނެފިއެވެ. މޯލްޑިވިއަންއިން މިކަން ފާހަގަކޮށްފައިވަނީ މ...

24 Jan 2023 | 09:28

އަންނަ ފެބްރުއަރީ މަހުގެ 22 ގެ ފަހުން، މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބަލައިނުގަންނާނެކަމުގައި މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންއިން މިކަން ފާހަގަކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޑިފެންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައިވާގޮތަށް އަމަލުކުރަން ފެށުމުގެ ކުރިން، މޯލްޑިވިއަން އިން ދަތުރުކުރައްވާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުންނެވެ.

ޑިފެންސުން ކުރިން އެ ބަދަލު ގެނައީ ކޮވިޑުގެ ހާލަތާއި ގުޅިގެންނެވެ. އަދި އޭރު ގެނައި އެ ބަދަލު އަންނަ ފެބްރުއަރީ މަހުގެ 22 އިން ފެށިގެން ބާތިލުވާނެކަމުގައި ޑިފެންސުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނެރެފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

އެގޮތުން މޯލްޑިވިއަން އިންވެސް ބުނެފައިވަނީ ޕާސްޕޯޓާއި، އައިޑީ ކާޑާއި ވާކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއާޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރުޖެހި ރަސްމީ ލިޔުންވެސް ބަލައިގަންނާނެ ކަމަށާއި ނަމަވެސް މި ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަށް ވާންވާނެ ކަމަށެވެ. އަދި މުއްދަތު ހަމަވެފައިވާ ލިޔުމަކާއެކު އެ ތާރީހަށްފަހު އެތެރޭގެ އުދުހުންތަކުގައި ދަތުރު ނުކުރެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް