ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެއްވެސް ބަޔަކަށް އުނދަގުލެއް ވެގެން ނުވާނެ: ރައީސް ޞާލިހް

ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެއްވެސް ބަޔަކަށް އުނދަގުލެއް ވެގެން ނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ...

24 Jan 2023 | 09:21

ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެއްވެސް ބަޔަކަށް އުނދަގުލެއް ވެގެން ނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އއ. މާޅޮހަށް ވަޑައިގެން ބޭއްވެވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބެލެވޭ ގޮތުގައި ރައީސް މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ކެމްޕެއިންއަށް ރަށްރަށަށް ދިއުމުން އެހެން ސިޔާސީ ފަރާތްތަކުން ރައީސް ޞާލިހް އަށް ތާއީދުކުރާ ފަރާތްތަކުގެ މަސައްކަތައް ހުރަސް އަޅައި އަޑުއުފުލާފައި ވާތީއެވެ.

އެގޮތުން ރައީސް ވިދާޅުވީ ބައެއް ފަރާތްތަކުން ހިޔާލު ފާޅުކުރުމުގެ ހައްޤުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށެވެ.

އަދި މީގެ ބޭނުން ހިފާއިރު އުފުލާ އަޑެއް ނުވަތަ ފާޅުކުރާ ހިޔާލަކީ ޖެހިގެން ހުރި މީހާގެ ކަންފަތުގެ ތޫރި ފޫއަޅުވާލާ އެއްޗަކަށް ވެގެން ނުވާނެކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

މިގޮތުން އެހާ ހިސާބަށް ދިއުމުން ދެން ޖެހޭނީ ވެރިކަމުގައި ތިބޭ ބަޔަކު އެކަމާއި ދޭތެރޭ ވިސްނަން ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

ރައީސް ޞާލިހް ވިދާޅުވީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ އެމަނިކުފާނު ވެރިކަމަށް އައިއިރު ބޮޑު ބިރެއްގެ ގޮތުގައި އޮތްކަމެއްކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް ހުރިހާ މިނިވަންކަމެއް އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލިކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެއްވެސް ވަރަކަށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅަން މި ސަރުކާރުން ބޭނުންނުވާކަމަށާއި ހިޔާލު ފާޅު ކުރަން ވީ ކަމަށާއި އެހެންނަމަވެސް އެހެން މީހުންނަށް ދުއްތުރާ އަކަށް ވެގެން ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް