ކުނި ނަގަން ވަދެ ގެއެއްގެ ތެރެއަށް ބޮޑުކަމު ދިޔަ މުވައްޒަފު ސަސްޕެންޑު ކޮށްފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި ފެންނަނީ ވެމްކޯ މުވައްޒަފަކު ކުނި ނަގަން ގެއެއްގެ ތެރެއަށްވަދެ ފާހާނާއަށް ދާން ބޭނުން ވެގެން އުޅޭ މަންޒަރެވެ. އޭގެ އިރުކޮޅެއް ފަހުން އެގޭގެ ތެރެއަށް އޭނާ ބޮޑުކަމުގޮސްފައި ވަނިކޮށް އެ ވީޑިއޯ އިން ފެނެ އެވެ.
މި މައްސަލައިގަ ގިނަ ބައެއްގެ ފާޑުކިޔުން ވެމްކޯއަށް އަމާޒުވަމުން ދަނިކޮށް އެ ކުންފުނިން ބުނީ އެ މުވައްޒަފު ދެނެގަނެ، ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އެ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމުގެ ޔަގީންކަން ދޭ ކަމަށް ބުންޏެވެ.
ވެމްކޯއިން ބުނީ އާއްމު އިޖުތިމާއީ މިންގަނޑާ ޚިލާފު އަމަލެއް އެއްވެސް ހާލެއްގައި ބަލައިނުގަންނާނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުހިނގާނެ ގޮތަށް ކަންކަން ބައްޓަންކުރާނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
މީގެ ކުރިން ކުނި ނަގަން ގެއަކަށް ވަތް ވެމްކޯގެ މުވައްޒަފަކު ކުޑަކަމު ދިޔަ މައްސަލައެއްވެސް ފެންމަތިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް