ސޯޝަލް މީޑިއާގައި ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ބަލަން ޔުނިޓެއް ހަދާނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ އިއްޔެ އެ ކޮމިޝަންގެ މެމްބަރުންނާއި އިދިކޮޅު ކޯލިޝަންގެ ލީޑަރުން ބައްދަލު ކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ވިދާޅުވުމުންނެވެ. އިދިކޮޅު ލީޑަރުން ވިދާޅުވީ ހާއްސަ ޔުނިތެއް ހަދައި ސޯޝަލް މީޑިއާގައި އެކި ފަރާތްތަކަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފަށާނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.
މިކަމާއި ގުޅިގެން އޭސީސީން ބުނީ އެ ކޮމިޝަންގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި އެކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތު އަދާ ކުރާ ކަމަށެވެ.
އޭސީސީން ބުނީ ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އެކި މަންސަތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުންގެންދާ ކަމަށް ބުންޏެވެ.
މިކަންކަން މިހާރުވެސް އަދި ކުރިއަށްއޮތްތަކުގައިވެސް އެގޮތުގައި ކުރިއަށްދާނެކަމަށާއި އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްކުރަނީ ނޫންކަމަށް ބުންޏެވެ.
އިދިކޮޅުން އިއްޔެ ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދާ އެކި މަޝްރޫތަކުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް އޭސީސީއަށް ރިޕޯޓް ކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖް މަޝްރޫއު ހިމެނޭ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް