ވަރަށް ބޮލީވުޑްކޮށް، އަތިޔާ އާއި ރާހުލް ކައިވެނިކޮށްފި!

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ އާއި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ކޭއެލް ރާހުލް ކައިވެނި ކޮށްފި އެވެ. ދެ މީހުންގެ ކައިވެނި ހަފްލާ އޮތީ އ...

24 Jan 2023 | 03:21

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ އާއި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ކޭއެލް ރާހުލް ކައިވެނި ކޮށްފި އެވެ.

ދެ މީހުންގެ ކައިވެނި ހަފްލާ އޮތީ އިންޑިއާގެ ޕޫނޭގެ ސަރަހައްދެއްކަމަށްވާ ކަންޑާލާގެ ފަރުބަދަމަތީ ސަަހަހައްދެއްގައި ހުންނަ ސުނިލްގެ ފާމް ހައުސްގައި އިއްޔެ އެވެ. މި ހަފްލާއަށް 100 އެއްހާ މީހުންނަށް ދައުވަތު ދިން އިރު އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ވަރަށް ގާތް މީހުންނެވެ.

އަތިޔާ ދެތިން ބޮލީވުޑް ފިލްމެއް ކުޅުނު ނަމަވެސް އޭނާއަށް މާބޮޑު ކާމިޔާބެއް ނުލިބެ އެވެ. އެކަމަކު އޭނާގެ ނަން އިންޑަސްޓްރީގައި ހިފަހައްޓަނީ ބައްޕަ ސުނިލްގެ ނަން ބޭނުންކޮށްގެންނެވެ. އަނެއްކޮޅުން އޭނާ، ރާހުލް އާއި ރައްޓެހިވެގެން އުޅުމަކީ މިހާތަނަށް އަތިޔާގެ ނަން ފަނޑުނުވާ އެއް ސަބަބު ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަތިޔާ އާއި ރާހުލްގެ ކައިވެނި ކުރީ ވަރަށް ބޮލީވުޑް ސްޓައިލްގައި ފާޑަކަށް މަޝްހޫރު ތަރިންގެ ކައިވެނި ހަފްލާތައް ކޮޕީ ކޮށްގެންނެވެ. ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔަކަން އެންމެންނަން އެނގުނު ނަމަވެސް އެކަން ހާމަނުކޮށް ތިބުމަށް ފަހު ކައިވެންޏަށް ދެ ދުވަހަށް ވެފައި ވަނިކޮށް އެކަން ޔަގީން ކޮށްދިނީ ސުނިލް އެވެ.

ކައިވެނި ހަފްލާތައް މިމަހުގެ 22 އަދި 23 ވަނަ ދުވަހު ކުރިޔަށް ދިޔައިރު އެ ގެއަށް ދިޔަ ހުރިހާ މެހެމާނުންގެ ފޯނުގެ ކެމެރާގައި ޕެޗު އަޅައި ފޮޓޯ އާއި ވީޑިއޯ ނުނެގޭގޮތް ހަދާފައިވެ އެވެ. އެއީ މި ފަހުން ކުރި ބޮލީވުޑް ތަރިން ކަމަށްވާ ވަރުން ދަވަން އާއި ކެޓްރީނާ ކެއިފް އަދި އާލިއާ ބަޓްގެ ކައިވެނީގައި އަމަލު ކުރި ގޮތެވެ.

ދެމީހުން ކައިވެނި ކުރި ގަޑީގައި ލައިފަ ތިބީ ރަންބީރު ކަޕޫރާއި އާލިއާ ކައިވެނި ކުރި ގަޑީގައި ލައިގެން ތިބި ކުލައިގެ ހެދުމެވެ. ތަން ޑެކޮރޭޓު ކޮށްފައިވެސް ވަނީ ހަމަ އެގޮތަށެވެ..

ދެމީހުން ކައިވެނި ކުރިކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނު ކުރީ ކެޓްރީނާ އާއި ވިކީ ކައުޝަލް އަދި ރަންބީރާއި އާލިއާ ހާމަ ކުރިގޮތަށެވެ. އެ ޕޯސްޓުގައި ހިމަނާފައިވާ ކައިވެނީގެ ފޮޓޯތަކުގައި ހުރީވެސް ހަމަ އެއް ޕޯސްތަކެކެވެ.

https://www.instagram.com/p/CnwtWxgKsK9/

އަދި ސުނިލް ވަނީ ރަންބީރު ކައިވެނި ކުރި ދުވަހު އޭނާގެ މަންމަ ނީތޫ ކަޕޫރު އެގޭ ކައިރީގައި އެއްވި ތިބި ޕަޕަރާޒީންނަށް ކޭކާއި ކާއެއްޗެހި ދިންހެން، ކާއެއްޗެހިވެސް ދީފައި އެވެ.

ކައިވެނީގެ ރަސްމިއްޔާތު ނިމުމުން ދެމީހުން ވަނީ އެކުގައި ނުކުމެ ނޫސްވެރިންނާއި ޕަޕަރާޒީންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދެމީހުން ގެއިން ބޭރަށް ނުކުމެފައިވެ އެވެ. އެވެސް އާލިއާ އާއި ވަރުން ކަންތައް ކުރިގޮތެކެވެ.

މީގެ އިތުރުން ރިޕޯޓުތައް ބުނާގޮތުގައި ކައިވެނީގެ ހަފްލާ ވަރަށް ހާއްސަ މީހުންނާއި އެކު ބޭއްވުމަށް ފަހު ކައިވެންޏާއި ގުޅިގެން އޮންނަ ޕާޓީއަށް ބޮލީވުޑާއި ކްރިކެޓްގެ ގިނަ ބަޔަކަށް ދައުވަތުދެ އެވެ. އެ ޕާޓީ އަކީވެސް އާލިއާ އާއި ކެޓްރީނާ އަދި ވަރުން ފަދަ ތަރިން ކައިވެންޏަށް ފަހު ބޭއްވި ރަސްމިއްޔާތުގޮތަށް ޕާޓީ ކުރުމަށް ބާއްވާ ރަސްމިއްޔާތެއް ކަމަށްވެ އެވެ.

އަތިޔާ ކައިވެނި ކުރުމާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިން ދަނީ ސުނިލްއަށް މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް