ސްކޫލްތަކުގައި ކުރިން ހިންގަމުންދިޔަ "ދަސްވާރު ޕްރޮގްރާމް" ސްޓްރީމެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް މި ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުން މިގޮތަށް ނިންމައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދަސްވާރު ޕްރޮގްރާމް އަމާޒު ކުރެވިގެންދިޔައީ ތައުލީމީ ގޮތުން ދަށްކަމަށް ބަޔަކު ފާހަގަކުރާ ދަރިވަރުންނަށް ކަމުގައިވުމުން އޭގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުންތަކަކަށް ކޮށްފައިވާކަމަށެވެ.
"މިގޮތުން ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީއާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގެ ދަތިތަކެއް ދިމާވަމުންދެއެވެ" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށްވެސް ސްކޫލު ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތައުލީމު ލިބިފައިވުން ކަމަށެވެ.
ދަސްވާރު ސްޓްރީމަށް ބައެއް ދަރިވަރުން ލެވިފައިވަނީ އެންމެ އެދެވޭ ގޮތުގައި ނޫންކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ ސްކޫލްގެ ނަތީޖާ މަތި ކުރުމަށް ގައުމީ މަންޖަހުގައި ހިމެނޭ މުހިންމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް މަޖުބޫރު ކުރެވިފައިވާކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންގެ ސާނަވީ ތައުލީމްގެ މަރުހަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރާކަމަށެވެ.
"ގްރޭޑް 10ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގުމުން ދަށް ގްރޭޑު ތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ ލުއި ގޮތަކަށް ސާނަވީ މަރުހަލާ ނިންމާކަން ފާހަގަކުރެވިފައިވޭ، ނަތީޖާއަކަށްވެފައިވަނީ ސްކޫލަށް ދިއުމުގެ މަގްސަދު ބައެއް ދަރިވަރުންނަށް ހާސިލުވެފައި ނުވުން" އެ ނޫސްބަޔާނުގައިބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ބައެއް ސްކޫލްތަކުގައި ފާއިތުވެދިޔަ އަހަރުތަކުގައި ދަސްވާރު ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރާކަމަށާއި، ސްޓްރީމެއްގެ ގޮތުގައި ދަސްވާރު ސްޓްރީމް ނެތުނަސް ސްކޫލުގައި ދަރިވަރުންށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ގިނަ ފަރަތްތަކުގެ ލަފަޔާ އިރުޝާދުގެ އަލީގައި ކޮންމެ ކުއްޖަކަށްވެސް ދިރިއުޅުމަށް ބޭނުންހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށްގެންދިއުން ކަމަށާއި އެގޮތުން މިކަމަށް ވާންޖެހޭ ތައްޔާރީތައްވާން މިހާރު ވަނީ ފެށިފައި ކަމުގައިވެސް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް