ކޯލިޝަން ސަރުކާރު ރޫޅިގެން ނުދާނެ ކަމަށް އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، ކޯލިޝަން ނުރޫޅޭނެ ކަމަށެވެ. އެމްޑީޕީއަކީ ކޯލިޝަންގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.
ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ ނަމަވެސް، ކޯލިޝަންގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ ޖޭޕީ އަދި އެމްޑީޕީގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދަނީ ފާޅުގައި އެމްޑީޕީ އަށް ބަހުގެ ހަމަލާތަކެއް ދެމުންނެވެ. މިދެ ޕާޓީގެ މެދުގައި ދެބަސްވުންތައް އުފެދުނީ އެމްޑީޕީގެ ފަރާތުން ކުރިއަށް މިއޮތް މަޖިލިސް އިންތިހާބުގައި، އެއް ދާއިރާއަށް ނޫން އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތި ލާން ނިންމުމުންނެވެ.
ކޯލިޝަން ރޫޅިދާނެ ކަހަލަ އެއްވެސް އިޝާރާތެއް ނުވާ ކަމަށް ބުނަމުން، ނަޝީދު އިތުރަށް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކާއި އެކީ އަދި ރައީސް ސޯލިހާއި އެކީ މަޝްވަރާތައް ކުރިއަށް ގެންދެވޭ ކަމަށެވެ. ސަރުކާރާއި އަދި ސަރުކާރުގެ ވުޒާރާތައް ވެސް ރަނގަޅަށް ހިންގައި ކަމަށާއި އަދި ސަރުކާރެއްވެސް ކޯލިޝަނެއްވެސް ނުވެއްޓޭނެ ކަމަށްވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދު އިތުރަަށް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން އަމަލު ކުރަމުން ދަނީ ކޯލިޝަންގެ އެއްބަސްވުމާއި އެއްގޮތަށް ކަމަށާއި، ރައްޔިތުންވެސް ބޭނުންވަނީ އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ވާދަކުރުމަށްވެސް ކަމަށެވެ. އަދި ކޯލިޝަންގެ އެއްބަސްވުމުގައި ވެސް އެކަން މަނާ ކޮށްފައި ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް