މިދިޔަ ޑިސެމްބަރު މަހުގައި، ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު އިތުރުވެ، ދައުލަތަށް އެތެރެކުރާ މަދަލުން ލިބޭ ޑިއުޓީވެސް އިތުރުވެއްޖެއެވެ.
ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްވުރެ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުދާ އިމްޕޯޓް ކުރި މިންވަރު މިވަނީ 25 އިންސައްތައަށް މަތިވެފައެވެ. 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު 38 ބިލިޔަން ރުފިޔާގެ މުދާ އެތެރެކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 47 ބިލިޔަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ލިބުނު އާމްދަނީއަކީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅައި ބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތަށް އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނީ 3.3 ބިލިއަން ރުފިޔާއެވެ. ނަމަވެސް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތަށް ލިބުނީ 2.9 ބިލިއަން ރުފިޔާއެވެ.
ޑިސެންބަރު މަހު އިމްޕޯޓާއި ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު މިންވަރު އިތުރުވެފައިވާއިރު، ރާއްޖޭން ބޭރުކުރި މިންވަރު އެ މުއްދަތުގައި ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު 2.8 ބިލިޔަން ރުފިޔާގެ މުދާ ބޭރުކުރި އިރު އެއީ 2017 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި ތިން ބިލިޔަން ރުފިޔާގެ މުދަލާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ ދަށްވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް