މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މިމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަނުގައެވެ. މިމީހާ ހުއްޓުވައި ފުނަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި އޭނާގެ ހަށިގަނޑާއި ލައިގެންހުރި އަންނައުނު ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ގަމީހުގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް