ވިލާއިން ކަސްޓަމްސް އޮފިސަރުންނަށް ބިރު ދައްކާކަމަށް ސިފަކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމްސް އޮފިސަރުންނަށް ބިރު ދައްކާ ކަމަށް ސިފަކޮށް އެ މައްސަލަ ކަސްޓަމްސް އިން ފުލުހުންނަށް ހުށަހަޅައިފި އެވެ. ކަސްޓަމްސް އިން މި މައްސަ...

24 Jan 2018 | 01:32

ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމްސް އޮފިސަރުންނަށް ބިރު ދައްކާ ކަމަށް ސިފަކޮށް އެ މައްސަލަ ކަސްޓަމްސް އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ކަސްޓަމްސް އިން މި މައްސަލަ ހުށަހެޅިކަން ހާމަކޮށްފައިވަނީ ރޭ އެ ކަސްޓަމްސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބޮންޑެޑް ވެއަރހައުސްތަކުން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ، ގަވާއިދު ހިލާފަށް އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ރިސޯޓާއި އެ ރިސޯޓާ ގުޅުންހުރި ކަމަށް ބެލެވޭ އިތުރު ހަތަރު ރިސޯޓެއް ކޯޓު އަމުރެއްގެ ދަށުން ކަސްޓަމްސް އިން ބަލައި ފާސްކޮށްފައިވާއިރު، މިކޯޓު އަމުރު ހޯދުމަށް ކަސްޓަމްސްއިން ދޮގު މައުލޫމާތު ކޯޓަށް ހުށަހަޅާފައިވާކަމަށްބުނެ ކަނޑައެޅިގެން ދޮގު ހަބަރު ފަތުރައި މި މައްސަލަ ރައްޔިތުންނަށް އޮޅުވާލުމަށް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރަމުންދާ މަސައްކަތް އެ އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"އަދި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެއީ އެ ކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ބައިވެރިވުން ކަމަށް ތުހުމަތުކޮށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން ތަހްގީގުކުރުމަށް ބާރު އަޅައި ހިއްސާކޮށްފައިވާ ބަޔާނުގައި، ވަކިވަކި ކަސްޓަމްސް އޮފިސަރުންގެ ފަރުދީ މައުލޫމާތު މީޑިއާގައި އާންމުކޮށްފައިވާތީ މި އަމަލު މި އޮފީހުން ކުށްވެރި ކުރަމެވެ." ކަސްޓަމްސްގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި އަމަލަކީ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތަކަށް ނުފޫޒް ފޯރުވައި، ހުރަސްއަޅައި، ބިރު ދެއްކުމުގެ ގޮތުން ކުރި އަމަލެއް ކަމުގައި އެ އޮފީހުން ދެކޭ ކަމަށެވެ. އަދި އެއީ ކަސްޓަމްސް އޮފިސަރުންގެ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ވާތީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގް ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައިވާ ވާނޭ ކަމުގައިވެސް ކަސްޓަމްސްގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް