އިނގިރޭސި ޓީވީ ތަރިއެއް ކަމުގައިވާ ޖޯޖިއާ ޓޮފޯލޯ، އޭނާގެ ޕާސްޕޯޓުގެ އެއް ގަނޑު މަދުވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިމިގްރޭޝަން ޑިޓެންސަން ސެންޓަރުގައި ގިނަ އިރުތަކެއް ހޭދަކުރަން ޖެހިއްޖެއެވެ.
ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައިވާގޮތުގައި އޭނާގެ ޕާސްޕޯޓުން ގަނޑެއް މަދުކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އައި ތަނުންނެވެ.
އެއާޕޯޓްގެ ޑިޓެންޝަން ސެންޓަރުގައި ނުވަ ގަޑިއިރު ހޭދަކުރަން ޖެހުނު އިރު އެ ވަގުތުތަކުގެ މަންޒަރުތައް އޭނާ ދިޔައީ އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންނާއި ޓްވިޓާ ފޮލޯވަރުންނާ ހިއްސާ ކުރަމުންނެވެ. ރޮއެ ހިތާމަކުރަމުން ޕޯސްޓްކުރި ޕޯސްޓްތަކުގެ އެހީގައި އޭނާ ސަލާމަތްވީ ބްރިޓިޝް ސަރުކާރުގެ އެހީތެރިކަން އެކަމުގައި ލިބިގެންނެވެ.
އޭނާ ވަނީ އެކަމުން ސަލާމަތްވުމުން އޭނޭގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނެފައިވަނީ ސޯޝަލް މީޑިއާގައި އެ ކަންކަން ހިއްސާ ނުކުރިނަމަ އަދިވެސް ހުންނާނީ ތާށިވެފައިކަމުގެ 100% ޔަގީންކަން އެބަ އޮތް ކަމަށެވެ.
މީގެ އިތުރުން ދިވެހި ސަރުކާރަށާއި އިނގިރޭސި މީޑިއާއަށާއި އިނގިރޭސި ސަރުކާރަށް މިކަމުގައި އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެންމެ ފަހުން ރީތި ރާއްޖެއަށް އެތެރެވެވުނީތީ ރާއްޖޭގެ އިމިގްރޭޝަނަށް ޝުކުރުއަދާކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
"ނުވަ ގަޑިއިރު ރުއިން، އެ ވަގުތުތަކުގައި ރައްޓެހިންތަކެއް ވެސް ލިބިއްޖެ، އެއީ އަހަރެންގެ ޑިޓެންޝަންގައި އެބައެއްގެ ބެލުމުގެ ދަށުގައި އަހަރެން ތިބި ހަތް މީހުން" ޓޮފޯލޯ ބުނެފައިވެއެވެ.
މިކަން ދިމާވުމުން އޭނާ ވަނީ ދަތުރުކުރާއިރު ޕާސްޕޯޓުގެ ގަނޑުތައް ހަމަތޯ ބެލުމަށާއި ޕާސްޕޯޓްގައި ޑެމޭޖެއް އުޅޭތޯ ބެލުމަށް އޭނާގެ ފޮލޯވާސް އަށް އިލްތިމާސް ކޮށްފައެވެ.
އޭނާ ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ. ނުވަ ގަޑިއިރު އިމިގްރޭޝަން ޑިޓެންސަންގައި ހޭދަ ކުރުމަށްފަހު މިހާރު އޭނާ ވަނީ އޭނާގެ މަންޒިލު ރިސޯޓަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް