ބޭހުގެ އަގަށް އަންނަ ބަދަލާއެކު ބޭހުގެ ރައްކާތެރިކަމާއި ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެ

ބޭހުގެ އަގަށް އަންނާ ބަދަލާއެކު ބޭހުގެ ރައްކާތެރިކަމާއި ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ބުނެފި އެވެ. އެ އޮތޯރިޓީން ބުނީ މިވަގުތު އަގު ކަނޑައަޅާ ބޭ...

23 Nov 2021 | 14:54

ބޭހުގެ އަގަށް އަންނާ ބަދަލާއެކު ބޭހުގެ ރައްކާތެރިކަމާއި ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ މިވަގުތު އަގު ކަނޑައަޅާ ބޭސްތަކަކީ މިހާރު ވެސް މާކެޓްގައި ހުރި ބޭސްތައް ކަމަށެވެ. މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް ރާއްޖޭއަށް ބޭސް އެތެރެކުރެވޭނީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ބޭސް ޓެސްޓް ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ނެޝަނަލް ހެލްތް ލެބޯޓްރީ އަޕްގްރޭޑް ކުރުމުގެ ގިނަމަސައްކަތް ތަކެއް ކުރެވެމުންދާ ކަމަށާއި މިހާރު ވެސް 60 ވުރެ ގިނަ ޖެނެރިކް ޓެސްޓް ކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިވަގުތު ރާއްޖެއިން ނުކުރެވޭ ޓެސްޓްތައް ކުރުމަށްޓަކައި ސިންގަޕޯރ ގެ ލެބޯޓްރީ އަކަށް ސާމްޕަލް ފޮނުވައިގެ ޓެސްޓްކޮށް ބޭހުގެ ކޮލިޓީ މޮނިޓަރ ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) އަކީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެން މެމަތީ އަގު ކަމަށާއި މި ޕޮލިސީ ތަންފީޒް ކުރަންފެށުމުން، މި އަގަށްވުރެ ބޮޑުއަގުގައި ބޭސްވިއްކުމަކީ މަނާކަމެއް ކަަމަށް އެ އޮތޯރިޓީން ބުނެ އެވެ.

"ޑަކްޓަރީ ބޭހުގެ އެމް.އާރް.ޕީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތަކުގެ ވެރިންނާއި މިހާރުވާނީ ހިއްސާ ކުރެވިފަ. އަސާސީ ބޭސްތަކުގެ އެމް.އާރް.ޕީ ކަނޑައެޅުމުގެ ކުރިން، މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު ފާމަސީ އަދި ބޭސް އެތެރެކުރާ ފަރަތްތަކުގެ ޝަކުވާ އެއް ވާނަމަ އެކަން ލިއުމުން މިއޮތޯރިޓީއާ ހިއްސާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ." ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ މިގޮތަށް ހުށައެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު، ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިން އެބަދަލެއް ގެނެވޭނެ ކަމަށެވެ.

މިހާރު ކަނޑައެޅިފައިވާ އެމް.އާރް.ޕީ ކަލްލިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފް.އޯ.ބީ އަގަށް 100% މާކަޕް އެއް ހިމަނައިގެން ކަމަށާއި މިގޮތަށް އިންވޮއިސްގެ އެފް.އޯ.ބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފާއިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓަރ އިން ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް ކޮވިޑްގެ ހާލަތަށް ރިއާޔަތް ކޮށް 2020 އަދި 2021 ގައި އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފް.އޯ.ބީ އަގު ނަގާފައި ވަނީ މި ދެއަހަރުގެ މައުލޫމާތަށް ބިނާކޮށް ކަމަށް ވަނީ ބުނެފަ އެވެ.

1 ޖެނުއަރީ 2022 ގައި ތަންފީޒް ކުރުމަށް ކަނޑައެޅިފައިވާ މި ޕޮލިސީ ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާރު އެމް.އާރް.ޕީ ކަނޑައަޅަފައިވަނީ މިވަގުތު އެމް.އެފް.ޑީއޭއިން އެޕްރޫވް ކޮށްފައިވާ ދިވެހިރާއްޖޭގެ އަސާސި ބޭސް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްގެ ހުރިހާ ބްރޭންޑަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

މިސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށާއި އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުން ކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވިގެން ދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މިސިޔާސަތުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެވިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ބޭސްސިޓީ އާ ނުލާ ވިއްކޭ ބައެއް އާދައިގެ ބޭސް (އެއް ކުންފުންޔެއް، އެއް ސްޓްރެންތް، ޑޯޒް) ތަފާތު އަގުތަކުގައި އެކި ފާމަސީތަކުން ވިއްކާފައިވާކަން އެ އޮތޯރިޓީން ބެލި ބެލުމުން ފާހަގަ ވެފައިވާކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް