މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތައުރީފް ކޮށް ރޮނާލްޑޯ އާއި އެންމެ ވާދަވެރި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ ވާހަކަދައްކައިފިއެވެ.
ސްޕެއިންގެ މަޝްޙޫރު އޮންލައިން ނޫހެއް ކަމުގައިވާ މާކާ އަށް ދިން ބައްދީގަތުމެއްގައި ވާހަކަ ދައްކަމުން މެސީ ބުނީ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ 11 ގައި ހިމެނިގެން ރޮނާލްޑޯ ދައްކަމުން އަންނަނީ މޮޅު ކުޅުމެއް ކަމަށާއި، ރޮނާލްޑޯ އަކީ އަދިވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއާ ކަން އޭނާ ދަނީ ސާބިތުކޮށް ދެމުން ކަމަށެވެ. އެގޮތުން ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުން ފެށިގެންވެސް ރޮނާލްޑޯ އަންނަނީ ޔުނައިޓެޑަށް މުހިންމު ގޯލް ތަކެއް ކާމިޔާބު ކޮށްދެމުން ކަމަށް ވެސް މެސީ ބުންޏެވެ.
ދުނިޔޭގެ މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ކުލަބުގެ ގޮތުގައި ހިމެނޭ ޔުނައިޓެޑަކީ ދުނިޔޭގެ ނިސްބަތުން މޮޅު ކުޅުންތެރިންތަކެއް ތިބި ކުލަބެއް ކަމަށާއި އެކުލަބަށް ރޮނާލްޑޯ ބަދަލުވުމަކީ އިތުރަށް ޔުނައިޓެޑްގެ ސްކޮޑް ވަރުގަދަވެގެން ދިޔަ ސަބަބެއް ކަމުގައި ވެސް މެސީ ބުންޏެވެ.
މެސީ ބުނީ ރޮނާލްޑޯ އުމުރުން ދުވަސްވި ނަމަވެސް އެކަން އޭނާގެ ކިބައިން ނުފެންނަ ކަމަށާއި އެންމެ ޒުވާން ދުވަސްވަރުވެސް ހޯދަމުން އަންނަ ކާމިޔާބީތައް މިހާރުވެސް ރޮނާލްޑޯ ހޯދަމުން އަންނަކަމަށެވެ. އަދި އެންމެ ޒުވާން އުމުރުގައި ވެސް ކާމިޔާބު ކުރަމުން އަންނަ ގޯލުތަކަށް އަދިވެސް ހުއްޓުމެއް ނާންނަ ކަމަށާއި ރޮނާލްޑޯ އަކީ ގޯލާ ރައްޓެހި އިދިކޮޅު ކުޅުންތެރިން ޖެހިލުންވާފަދަ ފޯވާޑެއް ކަމަށް މެސީ ބުންޏެވެ.
" ޔުނައިޓެޑަކީ ވަރަށް ވަރުގަދަ ޓީމެއް. މޮޅެތި ކުޅުންތެރިންތަކެއް ތިބި ޓީމެއް. ރޮނާލްޑޯ އާއި އެކު ޔުނައިޓެޑް އިތުރަށް ވަރުގަދަ ވެއްޖެ. ރޮނާލްޑޯ ފެށުނީއްސުރެ ކާމިޔާބު ކުރަމުން އަންނަ ލަނޑުތަކަށް ބަދަލެއް ނާދޭ." މެސީ ބުންޏެވެ.
މެސީ ރޮނާލްޑޯ އަށް ތައުރީފް ކޮށް ވާހަކަ ދެކިއިރު، މި ދެކުޅުންތެރިންނަކީ ފުޓްބޯޅައިގެ ދުނިޔޭގައި މިވަގުތު ވެސް ތިބި އެންމެ ވާދަވެރި ދެ ކުޅުންތެރިންކަން ފާހަގަކޮށްލަން ޖެހެއެވެ. ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންނަށް މެސީ އަދި ރޮނާލްޑޯ ވެފައިވާއިރު، ފުޓްބޯޅައިގައި މި ދެކުޅުންތެރިންނަށް ނުލިބޭ ކާމިޔާބެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް