"މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ރާއްޖޭގެ ޓީމުގެ މިޑްފީލްޑަރ އައްސަދު އަލީ (އަޑުބަރޭ) ސީޝެލްސްގެ ކެޕްޓަނަށް ދިން ހަމަލާގެ މައްސަލަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.
ސީޝެލްސް އަތުން މޮޅުވެގެން ނޫނީ ފައިނަލަށްދިއުމުގެ ފުރުސަތު ރާއްޖެއަށް ނެތް މި މެޗުގައި އައްސަދަށް ރަތްކާޑު ދައްކާފައިވަނީ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ. ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަށް ގަސްދުގައި ބޯޅަ ނެތީސް ހަމަލާ ދިނުމުން ނެވެ.
އޭނާ ކުޅެން އަރުވާފައިވަނީ މެޗުގެ ފުރިހަމަވަގުތު ހަމަވެ، ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގަ އެވެ. ކުޅެން އެރިތާ ގާތްގަނޑަކަށް ވިއްސަކަށް ސިކުންތުގެ ތެރޭގައި އަޑުބަރޭ އަށް ވަނީ ރަތްކާޑު ދައްކާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީއަށް އައްސަދު ވަނީ ހާޒިރު ވެސް ކޮށްފަ އެވެ. ނަމަވެސް އެކަމާއިބެހޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އައްސަދުގެ މި އަމަލާއިގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް