ފޯޅަވަހި މޮރީޝަސް އާ ހަވާލުކުރަން ދިން މުއްދަތު ހަމަވެއްޖެ – އިނގިރޭސިވިލާތުން ބުނީ ނުކުރާނެ ކަމަށް

ފޯޅަވަހި ޖަޒީރާ ނުވަތަ ޗާގޯސް އާކިޕެލަގޯ މޮރީޝަސް އާ ހަވާލުކުރަން އދގެ އެންމެ މަތީ ކޯޓުން އިނގިރޭސިވިލާތަށް އަންގައި އެކަމަށް ދިން މުއްދަތު އިއްޔެ ހަމަވެފައިވާއިރު ކޯޓުން ނިންމި ނަމަވެސް އެކަން އެގޮތަ...

23 Nov 2019 | 01:30

ފޯޅަވަހި ޖަޒީރާ ނުވަތަ ޗާގޯސް އާކިޕެލަގޯ މޮރީޝަސް އާ ހަވާލުކުރަން އދގެ އެންމެ މަތީ ކޯޓުން އިނގިރޭސިވިލާތަށް އަންގައި އެކަމަށް ދިން މުއްދަތު އިއްޔެ ހަމަވެފައިވާއިރު ކޯޓުން ނިންމި ނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އެގޮތުން އިނގިރޭސިވިލާތުން އިއްޔެ ބުނެފައިވަނީ ކުރިންވެސް ބުނަމުން އައިގޮތަށް އެއީ ގައުމުން ދުރުގައިވާ އެ ގައުމުގެ ބައެއް ކަމަށެވެ. އިތުރު ބަޔަކަށް އެ ސަރަހައްދަށް ބާރު ނުފޯރުވޭނެކަމަށެވެ.

އދގެ އެންމެ މަތީ ކޯޓު، ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނިންމާފައިވަނީ އިނގިރޭސިވިލާތުން ފޯޅަވައްސަށް ވެރިވެގެންފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

މިކަމާއިމެދު މޮރީޝަސް އިން ބުނާގޮތުގައި ފޯޅަވަހި މޮރިޝަސްއިން ވަކިކޮށް އިނގިރޭސީންގެ ބައެއްގެ ގޮތުގައި ނިންމީ 1965ގައި މޮރިޝަސް އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރުގައެވެ.

އެއަށްފަހު އިނގިރޭސީން ވަނީ ފޯޅަވަހީގެ އެންމެ ބޮޑު ރަށްކަމުގައިވާ ޑިއޭގޯ ގާސިއާ އެމެރިކާގެ އަސްކަރީ ބޭސްއަކަށް ހެދުމަށް އެމެރިކާއަށް ދީފައެވެ. އަދި ފޯޅަވަހި ޖަޒީރާ ރަށްތަކުގެ ރަށްވެހިން އެ ރަށްތަކުން ބާލާފައެވެ. އެ ރަށްތަކުން ބޭލި އެ ރަށްތަކުގެ ރަށްވެހިން ގެންދިޔައީ މޮރީޝަސް އަށާއި އިނގިރޭސިވިލާތަށާއި ސީޝެލްސްއަށެވެ.

އދގެ އެންމެ މަތީ ކޯޓުގެ ނިންމުމަށް އިނގިރޭސީން ނޫނެކޭ ބުނި ނަމަވެސް އެ ނިންމުން ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަކަށް ނޯވެއެވެ. އެހެންނަމަވެސް ދީފައިވާ މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު އެ ކޯޓުގެ ނިންމުމާއިބެހޭގޮތުން އދގެ އާއްމު މަޖިލީހުގައި ދެން ބަހުސްތައް ކުރެވޭނެއެވެ. އެގޮތުން ފޯޅަވަހީގެ ރަށްތައް އަނބުރާ ފޯޅަވަހީގެ ރަށްވެހިންނަށް ދިނުމާއިމެދު ގޮތެއް ނިންމުމުގެ މަޝްވަރާތައްވެސް ދެން ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް