ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން ތުރުކީން ބޭރު ކުރަން ރައީސް އުރުދުގާން އަންގަވައިފި

ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން އެ ގައުމުން ބޭރު ކުރަން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން އަންގަވައިފި އެވެ. ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ސަފީރުން ގައުމުން ބޭރު ކުރުމުގ...

23 Oct 2021 | 18:49

ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން އެ ގައުމުން ބޭރު ކުރަން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން އަންގަވައިފި އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ސަފީރުން ގައުމުން ބޭރު ކުރުމުގެ އިންތިޒާމްތައް ގާނޫނީ އިމުގެ ތެރެއިން ކުރިޔަށް ގެންދިއުމަށް ފޮރިން މިނިސްޓަރަށް އަންގާފައިވާ ކަމަށް އުރުދުގާން މިއަދު ވިދާޅުވީ މިއަދުއެވެ. ރައީސް އުރުދުގާން އެގޮތަށް އެންގެވީ ތުރުކީ ސަރުކާރުގެ ނިންމުމަކާއި ދެކޮޅަށް އެ ގައުމުތަކުން ބަޔާނެއް ނެރުމުންނެވެ.

އެ ބަޔާނުގައި ގޮވާލާފައިވަނީ ޖަލަށް ލާފައި ހުރި ތުރުކީގެ ސިވިލް ސޮސައިޓި ލީޑަރު އުސްމާން ކަލަވާ މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި އޭނާ ޖަލުގައި ހުންނަން ޖެހޭ ޖެހުމަކީ އަދިރި ދުވަސްތަކެއް ދެކެން ޖެހޭނެ ކަމެއް ކަމަށެވެ.

އުސްމާން ހައްޔަރުކޮށް ޖަލަށްލީ 2017 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ 2013 ވަނަ އަހަރު ތުރުކީ ސަރުކާރާއި ދެކޮޅަށް އެ ގައުމުގައި ކުރި ވަރުގަދަ މުޒާހަރާތަކަށް ހަރަދު ކުރުމާއި 2016 ވަނަ އަހަރު ބަޣާވާތް ކޮށްގެން އުރުދުގާންގެ ވެރިކަން ވައްޓާލަން މަސައްކަތްކޮށް ނާކާމިޔާބުވި މީހުންގެ ތެރޭގައި އިސްދައުރެއް އަދާކޮށްފައިވާ ކަމަށްބުނެ އެވެ.

އުރުދުގާން ވިދާޅުވީ އެފަދަ މީހަކަށް ތާއީދުކޮށް ސަފީރުން ބަޔާން ނެރުނު ހިސާބަކީ ގައުމުދޫކޮށް ދާން ޖެހޭ ވަގުތު ކަމަށެވެ. ސަބަބެއް ކަމަށް އުރުދުގާން ވިދާޅުވީ ތުރުކީގައި ސަފީރުންގެ ގޮތުގައި ތިބެވޭނީ އެ ގައުމު ދަންނަ ސަރުކާރުގެ ނިންމުންތަކަށް އިހުތިރާމް ކުރާ މީހުންނަށް ކަމަށެވެ.

ބޭރު ކުރަން އެންގެވި ސަފީރުން ނިސްބަތްވާ ގައުމުތަކަކީ، އެމެރިކާ، ފްރާންސް، ޖަރުމަނުވިލާތް، ކެނެޑާ، ފިންލޭންޑް، ޑެންމާކް، ނެދަލޭންޑް، ނިއުޒިލޭންޑް އަދި ސްވެޑެން އާއި ނޯވޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް