ނ. ކެނދިކުޅުދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކެނދިކުޅުދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި ކެނދިކުޅުދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ކެނދިކުޅުދޫއިން އެންމެ ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އެ ރަށުން ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލަށް އިއްޔެ ޑޮކްޓަރަށް ދެއްކި މީހެކެވެ. އެ ކޭސްއާއި ގުޅިގެން އިއްޔެ އެއްގެ މޮނިޓަރިންއަށް ލާފައިވެ އެވެ.
ބެލެވޭ ގޮތުގައި އެ ކޭސް އާއި ގުޅުން ހުރި އިތުރު ބަޔަކު މިއަދު ވަނީ ޕޮސިޓިވްވެފައިވެ އެވެ. އެ މައުލޫމާތު އަދި ކެނދިކުޅުދޫ ސިއްހީ މަރުކަޒުން ހާމައެއް ނުކުރެ އެވެ.
ކޯވިޑާއި ގުޅިގެން މި ދިޔަ ހަފްތާގައިވެސް ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެއީ ބ. ގޮއިދޫ އާއި ނ. ވެލިދޫ އަދި މ. މުލަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް