އިނިގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލާއި ދެކޮލަށް ޔުނައިޓެޑް ކުޅޭ މެޗުގައި އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭސް އަށް ނުކުޅެވިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލިގަނަ ސޮލްޝެއަރ ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ސޮލްޝެއަރ ބުނީ ފެނާންޑޭސް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ އާއި ދެކޮލަށް ޔުނައިޓެޑު ކުޅެ މޮޅުވި މެޗުގައި ލިބުނު އަނިޔާ އަދިވެސް މުޅިން ރަނގަޅު ނުވާ ކަމަށާއި އެގޮތުން މާދަމާރޭގެ މެޗަށް އޭނާ މުޅިން ފިޓް ވެދާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.
މީގެ އިތުރުން ސޮލްޝެއަރ ބުނީ އެޓަލާންޓާ އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ފެނާންޑޭސްގެ އިތުރުން ފްރެޑް އަދި ރަޝްފޯޑަށް ވެސް ވަނީ އަނިޔާވެފައި ކަމަށާއި މި ދެކުޅުންތެރިންނަށް ވެސް މާދަމާރޭގެ މެޗުގައި ކުޅެވޭނެ ކަމާއި މެދު ސުވާލް އުފެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރަނގަޅު ސްކޮޑެއް މާދަމާރޭ ލިވަޕޫލްއާއި ދެކޮޅަށް ނެރެވޭނެ ކަމަށާއި އަނިޔާގައި ތިބީ މަދު ކުޅުންތެރިންތަކެއް ކަމަށް ވެސް ސޮލްޝެއަރ ބުންޏެވެ.
" ބްރޫނޯ ފެނާންޑޭސް އާއި ރަޝްފޯޑް އަދި ފްރެޑް އަށް ވެސް ވަނީ އެންމެ ފަހުން އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެފަ. އެހެން ކަމުން ލިވަޕޫލާއި ދެކޮޅަށް މި ކުޅުންތެރިން ފެނިގެން ހިނގައިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފަ." ސޮލްޝެއަރ ބުންޏެވެ.
މާދަމާރޭ ލިވަޕޫލާއި ދެކޮޅަށް ޔުަނއިޓެޑް ކޫޅޭ މެޗުގައި މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ނުކުޅެވިދާނެ ކަމުގެ ބިރު އޮތްއިރު، ކުރިން އަނިޔާގައި ތިބި ވެރާން އަދި މާޝިއާލް ވެސް އަދި މުޅިން ފިޓް ނުވާކަމަށް ސޮލްޝެއަރ ވަނީ ބުނެފައެވެ.
ޔުނައިޓެޑް އަދި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 8:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް