މެންޗެސްޓާ ޔުނައިޓެޑުގެ މިހާރުގެ ކޯޗު އޮލިގަނަ ސޮލްޝެއަރ ގެ ބަދަލުގައި އެންޓޯނިއޯ ކޮންޓޭ މެންޗެސްޓާ ޔުނައިޓެޑްގެ ވޯޗަކަށް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ކޮންޓޭ އަކީ ޔުނައިޓެޑަށް ކާމިޔާބީ ހޯދާދެވޭވަރުގެ ކޯޗެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެޓީމުގެ ކުރީގެ ކީޕަރު ޕީޓަރ ސްމައިކަލް ބުނެފިއެވެ.
ޕީޓަރ ސްމައިކަލް މިހެން ބުނެފައި މިވަނީ ފަހަކަށް އައިސް ޔުނައިޓެޑުން ނެރެމުން އަންނަ ނަތީޖާތައް ގޯސްވުމުގެ ސަބަބުން ސޮލްޝެއަރ ބޭރުކޮށް އެހެން ކޯޗެއް ޔުނައިޓެޑަށް ހަމަ ޖައްސަން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
ސްމައިކަލް ބުނީ ޔުނައިޓެޑުން ނެރެމުންދާ ބަތީޖާތަކާއި މެދު އޭނާ ވެސް ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް ސޮލްޝެއަރ އަށް އަދިވެސް ޓީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން ޔުނައިޓެޑަށް އިތުރު ކޯޗެއް ހަމަޖައްސަން އަދި މާ އަވަސް ކަމަށްވެސް އޭނާ ބުންޏެވެ.
ފަހަކަށް އައިސް ސޮލްޝެއަރ ގެ މަގާމާއި މެދު ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވެމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ސޮލްޝެއަރ އަށް ފަހު ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވުން އެންމެ ގާތީ ކޮންޓޭ ނޫނީ ޒިދާންއެވެ.
ސްމައިކަލް ބުނީ ކޯޗުން ބަދަލުކުރެވިދާނެ ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ގިނަ ކޯޗުން ތަކެއް ހަވާލުވި ނަމަވެސް ޔުނައިޓެޑަށް އެއްވެސް ކާމިޔާބީއެއް ލިބިފައި ނުވާކަމަށެވެ. އެގޮތުން ލުއިސް ވެންހާލް، ހޯސޭ މޮރީނިއޯ ފަދަ ކޯޗުންގެ ނަން އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް މީގެން އެއްވެސް ކޯޗަކަށް ޔުނައިޓެޑަށް އެއްވެސް ކާމިޔާބީއެއް ހޯދައި ދެވިފައި ނުވާކަމަށް ސްމައިކަލް ބުންޏެވެ. އަދި ކޮންޓޭ އަކީވެސް އެފަދަ ކޯޗެއް ކަމަށްވެސް އޭނާ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ ހައިސިއްޔަތުން ސޮލްޝެއަރ މަސައްކަތް ކުރާތާ މީ ތިންވަނަ އަހަރު ކަމަށާއި ނަމަވެސް އަދި ކާމިޔާބެއް ނުލިބޭ ކަމަށް ސްމައިކަލް ބުންޏެވެ. އެހެން ކަމުން ވަކި ކޯޗެއް ވަކި ތަފާތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
ސްމައިކަލް އިތުރަށް ބުނީ ޔުނައިޓެޑްގައި ރަނގަޅު ވަރުގަދަ ސްކޮޑެއް އެބަ އޮތް ކަމަށާއި ރަނގަޅު ޕަލޭން ތަކަކާއި އެކު ޓީމު ލައްވާ ކުޅުވައިފި ނަމަ ކާމިޔާބީއަށް ވާސިލް ވާނެކަމަށެވެ.
ސޮލްޝެއަރ ގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ ނިމިގެން ދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑް ފަތުރުކުރުމެވެ. ނަމަވެސް ފައިނަލުގައި އެޓީމު ވަނީ ވިޔަރެއާލް އަތުން ބަލިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް