ރައްޔިތުން ކިޔުގައި ތިއްބަ ގުޑުގުޑާ ދޫންޏަކަށް ޑޮކްޓަރެއް ހަމަޖެއްސުން ބަހުސަކަށް!

ރާއްޖޭގައި ބައްޔެއް ވެގެން އާންމު ބަލިތައް ކީއްކުރަން ހާއްސަ ބަލިތަކުގެ ޑޮކްޓަރަކަށް ދައްކާލުމަކީވެސް އާދައިގެ ކަމެއް ނޫނެނެވެ. ހާއްސަކޮށް ދިވެހި މަޝްހޫރު ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް އެންމެ ފަހަރ...

23 Oct 2021 | 11:01

ރާއްޖޭގައި ބައްޔެއް ވެގެން އާންމު ބަލިތައް ކީއްކުރަން ހާއްސަ ބަލިތަކުގެ ޑޮކްޓަރަކަށް ދައްކާލުމަކީވެސް އާދައިގެ ކަމެއް ނޫނެނެވެ.

ހާއްސަކޮށް ދިވެހި މަޝްހޫރު ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް އެންމެ ފަހަރަކު ދައްކާލުމަށް ބައެއް ފަހަރު ހަތަރު، ފަސްމަސް ނަގަ އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އެންމެ ޑޮކްޓަރަކަށް ދޫކޮށްފައިވާ ނަމްބަރު 500 މަތީގައި އުޅުމަކީ ސިއްހީ ފަރުވާ ހޯދަން އާންމު ނިކަމެތި މީހާ ބޮޑުތަކުލީފެއް އުފުލަން ޖެހިފައިވާ ކަމެކެވެ.

އަނެއް ކޮޅުން އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްތެރިން ހަމަ ނުވުމާއި ޑޮކްޓަރުން ނެތުމާއި އެމްބިއުލާންސް ނެގުމުގެ ވާހަކަ އަކީ އަބަދުވެސް ރައްޔިތުން ކުރާ ޝަކުވާއެވެ. ގިނަ ދިވެހިން އެއްބަސްވާ ހަގީގަތަކީ ރުފިޔާ ހަރަދުވިޔަސް އެހީ ހޯދައިގެން އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރުންވެސް ރާއްޖެއިން ހިދުމަތް ހޯދަން ތިބުމަށް ވުރެ ރަނގަޅު ކަމެވެ.

މި ޝަކުވާތަށް ކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އިވުނީ ސަރުކާރަށް އެއްޗެހި ކިޔަން ރައްޔިތުންނަށް އިތުރު ފުރުސަތެއް ލިބޭވަރު ވާހަކައެކެވެ. ރާއްޖެއަށް ހިޖުރަކޮށްގެން އުޅޭ ގުޑުގުޑާ ދޫންޏެއް (ގްރޭޓާ ފްލެމިންގޯ) އެއްގެ ފިޔަ ބަޔަކު ކޮށާލާފައިވާތީ އެ ރިހެބިލިޓޭޓް ކޮށް ބަލާނެ ޑޮކްޓަރަކު ހަމަޖެއްސި ވާހަކަ އެވެ.

އެ ދޫނި ރިހެބިލިޓޭޓް ކުރަން ގެންގުޅެނީ ޅ. މާކޯ ކުޅީގައި އެވެ.

ޖަނަވާރުންގެ އެ ޑޮކްޓަރު ހަމަޖައްސައި ދީފައިވަނީ އެޓޯލްވޮލެންޓިއަރުންނެވެ. އެ ދޫނީގެ ހާލަތު ބަލައި ޑޮކްޓަރަކު ހަމަޖައްސާފައިވަނީ އެ ޖަމިއްޔާގެ ހަރަދުގައި އެވެ.

މިކަންތައްގަނޑުގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޑޮކްޓަރެއް ހަމަޖެއްސި ވާހަކަ އެވެ. އެ ޑޮކްޓަރީ ސަރުކާރުން ހޯދި މީހެއް ނޫން ކަމަށާއި އެމީހާއަށް ހަރަދު ކުރަނީ ސަރުކާރުން ނޫންކަން ފާހަގައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ހަމަ އެންމެން ވާހަކަދައްކަމުން ދަނީ ގުޑުގުޑާ ދޫނި ރިހިބިލިޓޭޓް ކުރާނެ ތަނެއް ހަމަޖެއްސި ވާހަކަ އާއި ޑޮކްޓަރަކު ހަމަޖެއްސި ވާހަކަ އެވެ. ދެން އޮތީ ރިހެބިލިޓޭޓްގެ ވާހަކަ އެކެވެ.

ދޫނި ރިހެބިލިޓޭޓް ކުރަން ވަކި ތަނެއް ހާއްސަ ކުރިއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހި ސަލާމަތް ނުވެވިގެން މަގުމަތިވެފައި ތިބި އެތައް ޒުވާނުންނެއް މާލޭ މަގުމަތިން އެބަ ފެނެ އެވެ. މިދޫނީގެ ކުރިން އެމީހުން ތަނަކަށް ގެންގޮސް ފަރުވާދީގެން ރިހެބިލިޓޭޓް ކުރަން ފެށުން މާ މުހިންމު ކަމަށް އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާ މީހުން ބުނެ އެވެ.

މިފަދަ ކުއްލި މައްސަލަތަކުން އެނގިގެން ދަނީ ރާއްޖޭގައި ހައްލު ނުވެ ހަރުލާ ތޮށިލާފައިވާ ކަންކަމަށް ސަރުކާރުތަކުން ބަދަލު ގެންނަން ބޭނުން ނަމަ އެކަން ކުރަން ގިނަ ދުވަސް ނުނަގާނެ ކަމެވެ. ރިހެބިލިޓޭޓް ކުރުމާއި ސިއްހީ ފަރުވާ ހޯދުމަށް ރައްޔިތުން އުފުލަކުން ދާ ތަކުލީފު ކުޑަކޮށްދޭން ސަރުކާރުުތަކުން މަސައްކަތް ކުރާ ނަމަ އެކަން ވާނެ ކަމަށް ހުރިހާ ރައްޔިތުންވެސް ގަބޫލު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް