ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ ޓާމިނަލް އިމާރާތް ހުޅުވައިފި

ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ ޓާމިނަލް އިމާރާތްކުރީ ކަސްޓަމަރުންނާއި ހިދުމަތްދޭ މީހުންގެ ޚިޔާލު ހޯދާފައި ކަމަށް އެ ތަން ހިންގާ މޯލްޑިވްސް ޕޯޓުސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެ...

23 Oct 2021 | 07:31

ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ ޓާމިނަލް އިމާރާތްކުރީ ކަސްޓަމަރުންނާއި ހިދުމަތްދޭ މީހުންގެ ޚިޔާލު ހޯދާފައި ކަމަށް އެ ތަން ހިންގާ މޯލްޑިވްސް ޕޯޓުސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ހުޅުމާލޭގައި ހިންގާ އިންޓަނޭޝަނަލް ޕޯޓުގެ ހިދުމަތް ފުޅާކޮށް، އެ ޕޯޓުގެ ސެކިއުރިޓީ އިމާރާތް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ. ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ސީއީއޯ ޝާހިދެވެ. އަދި މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގަތެވެ.

ޝާހިދު ވިދާޅުވީ ހުޅުމާލޭގައި ގިނަ މަޝްރޫއުތަކެއް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުން ހިންގާއިރު ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލަށް ވަރަށް ޑިމާންޑު ބޮޑުވާ ކަމަށެވެ. އަދި ޑިމާންޑު އިތުރުވާ ވަރަކަށް ހިދުމަތް ހޯދާ މީހުންނާއި ހިދުމަތްދޭ އެކުންފުނީގެ މުވައްޒަފުންގެ ކަންބޮޑުވުންވެސް އިތުރުވަމުންދާ ކަމަށެވެ. އެހެންވެ ޑިމާންޑާ އެއްވަރަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"2015އިން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 60،000، . 20 ފޫޓާއި އިކުއިވެލަންޓު ޔުނިޓްސް މިވަނީ ކުލިއާ ކުރެވިފައި، މިހާރު އިޤްތިސާދު އިއާދުވަމުން އަންނަ އިރު، މިހާރު ހުޅުމާލެ ޓާމިނަލުން އެވްރެޖްކޮށް 60އާއި 70 ޓީއީޔޫސް ކޮންޓެއިނަރ ކެނޑި ހުޅުމާލެ ތެރެއަށްދޭ.،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުވަނީ ފާއިތުވީ 3 އަހަރުތެރޭ ހުޅުމާލެ ޕޯޓުގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮފީސް ޖާގައިގެ ދަތިކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދުވަނީ އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގެ އޮފީސް ޢިމާރާތަށް ބިމެއް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

" އޮފީސް ޢިމާރަތެއްގެ ކަންތައް ބަލަމުން މިދަނީ، އެގޮތުން ޕޯޓާއި މާ ދުރުނޫން ހިސާބަކުން އެމްޕީއެލްގެ އޮފީސް ޢިމާރާތެއް އެޅުމަށް ބިމެއް ހަމަޖައްސައިދޭނަން،" ސުޙައިލް ވިދާޅުވިއެވެ.

ސުހެއިލް ވިދާޅުވީ ހުޅުމާލޭ ލޯކަލް ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށްވެސް އެމްޕީއެލްއާ ގުޅިގެން މަސައްކަތް ކުރެވެމުންދާކަމަށެވެ. އެގޮތުން ލޯކަލް ޕޯޓު ބޭނުންކުރަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލެއަށް މުދާ ގެނައުމަށްވުމުން، މި ޙިދުމަތް އާއްމުންނަށް ފަސޭޙަކަމާއި އެކު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއްކަމަށް ސުޙައިލް ވިދާޅުވިއެވެ.

މިޙަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢަބްދުﷲ ޝަރީފު ވިދާޅުވީ ކަސްޓަމްސްގެ މައިގަނޑު ޒިންމާތަކުގެތެރޭގައި ޤަވާއިދާ ޚިލާފަށް ތަކެތި އެތެރެވުން ހުއްޓުވުން ހިމެނޭއިރު މިކަމަށްޓަކައި ޒަމާނީ ވަސީލަތްތަށް ބޭނުންވާ ކަމަށެވެ.

" ޑްރަގުގެ ކަންތައް ހުއްޓުވުމަށް އެބަޖެހޭ ދުނިޔޭގައި ކަންހިނގާގޮތްތަކަށް ބަލައި، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެކަންތަތައް ދެނެގަނެވޭނެގޮތަށް ޕޯޓުތަކުގައި އެ ވަސީލަތްތަށް ޤާއިމްކުރަން،" ޢަބްދުﷲ ޝަރީފު ވިދާޅުވިއެވެ.

އެމްޕީއެލްގެ ހުޅުމާލެ ޕޯޓަކީ ކުރިން ހުސް ކޮންޓެއިނަރ ބަހައްޓާނެ ޖާގައެއްގެގޮތުގައި ބޭނުންކުރަން ފެށި ތަނެކެވެ. އަދި މިތަން އިތުރަށް ތަރައްޤީކޮށް، މުދާ ކުލިއަރކުރުމުގެ ޚިދުމަތް ފެށީ 2015ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް