ލޯބިވާ މީހަކު ދެކެ ފޫހިވެ ދުރުވާން ފަސޭހަ ގޮތްތަކެއް ބުނެދެންތަ!؟

މި ލިޔުން ކިޔާލަން ތިޔަ ފެށީ ހަގީގަތުގައި ވެސް ހިތުގައި އަޒުމެއް އޮތީމަކަން ޔަގީނެވެ. ކުރިއަށްދިޔުމުގެ ކުރިން ބުނެލަމެވެ. ތިބާ ތިޔައީ ހާދަހާ ހިތްވަރުގަދަ ޝަހުސިއްޔަތެކެވެ، އެހެނީ ކޮންމެކޮންމެ މީހަކީ ލ...

23 Oct 2021 | 07:27

މި ލިޔުން ކިޔާލަން ތިޔަ ފެށީ ހަގީގަތުގައި ވެސް ހިތުގައި އަޒުމެއް އޮތީމަކަން ޔަގީނެވެ. ކުރިއަށްދިޔުމުގެ ކުރިން ބުނެލަމެވެ. ތިބާ ތިޔައީ ހާދަހާ ހިތްވަރުގަދަ ޝަހުސިއްޔަތެކެވެ، އެހެނީ ކޮންމެކޮންމެ މީހަކީ ލޯބި ދޫކޮށްލަން ބޭނުންވާ އަދި މީހަކު ދެކެ ލޯބިވުން ހުއްޓާލަން ދަސްކުރަން ބޭނުންވާ ފަދަ ވަރުގަދަ މީހަކަށް ނުވާނެތީއެވެ. އެހެންކަމުން އެތައް "ތަމްބްސް އަޕް"އެއްގެ އިތުރުން ހިތްގައިމު "ބެއަރ ހަގް" އެއް ތިބާއަށް ހައްގުވާ ކަމަށް ދެކެމެއެވެ.

ފަށަމާ ހިނގާށެވެ. ސީދާ ޕޮއިންޓަށް ދާނަމެވެ. ތިބާގެ ލޯބިވެރިޔާ ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި ނުވަތަ ތިބާ އޭނާއާއެކު ދެމިހުރުމަކީ ކިހާ ގެއްލުންހުރި ކަމެއްކަން އިޙްސާސް ކުރެވުމުން، ތިބާގެ ދެން އޮތް މަސައްކަތަކަށް ވާންޖެހޭނީ، ކިތަންމެ ހިތަށް ތަދުވި ނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އޭނާ އަށް ލޯބިކުރުން ހުއްޓާލުމެވެ.

ފުރަތަމަ ކަމަކަށް ތިބާ ތިބާގެ ގޮތުގައި ހުންނަން ވާނެއެވެ. އޭނާ ދެކެ ފޫހިވާން ނުވަތަ ދުރަށް ދާން ބޭނުން ނަމަ އެ ގޮތް ބަދަލު ނުކޮށް އަޒުމުގައި ހުންނާށެވެ. ފުރަތަމަ ކޮޅުގައި ވަރަށް އުނދަގޫ ވެސް ވާނެއެވެ. ހިތަށް ތުރާ ވެސް ވާނެއެވެ. އެކަމަކު ވެސް ތިބާ ތިބާގެ އަމިއްލަ ނަފުސުގެ ހައްގުގައި މި ގުރުބާން ވާށެވެ. ލޯބި ފަހަތުން ނުދުވާށެވެ.

"ދުވަހަކުވެސް މީހަކު ދެކެ ލޯބިވުން ހުއްޓާލެވިދާނެތަ؟" ޖަވާބަކީ އާނއެކެވެ. އެކަމަކު ދަންނާންޖެހޭ ހަގީގަތަކީ ލޯބިވުމަށް ވުރެ ލޯބި ނުވާން ކުރާންޖެހޭ މަސައްކަތް ހިތަށް ބުރަވެފައި އުނދަގޫވާނެއެވެ، ތިބާގެ ހިތަކީ މީގެ ކުރިން އޭނާ އަށް ޓަކައި ވިންދު ޖެހި ހިތެއް ނޫންތާއެވެ. އެގޮތަށް ރުޖޫއަވުމަށް ހިތް ބުނި އަގެއް ދޭށެވެ.

ހަޤީޤަތުގައި އެކަމާ މެދު ވިސްނާލާއިރު، ކޮންމެ ނާއުންމީދުކަމެއްގައި ބަރަކާތް ލައްވައެވެ. ވިސްނަންވީ ލޯބިވެރިޔާއާ ނުލާ އުޅޭނެ ހިތާމަވެރި ހާލެއް ނޫނެވެ. ބަދަލުގައި މެދުވެރިވާނެ ރަނގަޅު ކަންކަމެވެ. އުފާވެރި ކަންކަމެވެ. ހުރި ހެޔޮ ކަންކަމެވެ. ހަޤީޤަތަކީ، ތިބާގެ ރީތިކަމާއި، މޮޅުކަމާއި، ލޯބި ކަށަވަރުކޮށްދޭ ޚިޔާލުތަކުން "އަމިއްލަ ނަފްސު" ހިފަހައްޓައިގެން ހުންނައިރު، މީހެއްގެ ލޯބި ނުލިބި ހުންނަން ފަސޭހަވާނެ ކަމެވެ. ތިބާގެ ހިތްހެޔޮ ސިފަތަކާމެދު ވިސްނާ މިންވަރު އިތުރުވެ، ތިބާ ކަންބޮޑުވާމިންވަރު ކުޑަވާނީ، ތިބާގެ ދިރިއުޅުމުން މީހާ ނިކުންނަން މެދުވެރިވި ސަބަބު ހަނދުމަކޮށްގެނެވެއެވެ. ދުނިޔެއަށް ފޮނުވި މަގުސަދު ހަނދާނުގައި ބަހައްޓާށެވެ. ޙަޤީގަތުގައި އޭނާގެ ލޯބި ތިބާއަށް ނުދިނުމަކީ ހަމައެކަނި އޭނާގެ މައްސަލައެކެވެ.

ނަފުސާނީ އެހީތެރިންގެ ތެރެއިން ގިނަ މީހުން ބުނާ ވާހަކައެއް އޮންނާނެއެވެ. އެއީ ލޯބިނުވާން ބޭނުންވާ މީހަކާ ކޮންޓެކްޓްވާ މިންވަރު މަދުކުރާށެވެ. ނުވަތަ އެއްގޮތަކަށް ވެސް ކޮންޓެކްޓް ނުވާށެވެ. އޭރުން ހަނދާން ނައްތާލަން ފަސޭހަ ވާނެއެވެ. ފޭސްބުކްގައި އޭނާއާ ރައްޓެހިވެ އިންސްޓަގްރާމްގައި އެ ޢޭނާއަށް ފޮލޯ ނުކުރާށެވެ. އޭނާގެ ފޯނު ނަމްބަރުތައް ޑިލީޓްކޮށް ވަޓްސްއެޕްގައި ބްލޮކް ކޮށްލާށެވެ. މަސައްކަތުގެ ބާވަތުން ވިޔަސް އަމިއްލަ ހައިސިއްޔަތުންވިޔަސް ބައްދަލުނުކޮށް ވޭތޯ ބަލާށެވެ. ކުޑަކުޑަ ވާހަކައަކަށް ވެސް އޭނާއާ ހަމައަށް ނުދާން މަސައްކަތްުރާށެވެ. އަދި ތިބާ ކުރިން އުޅުނު ގޮތަށް އޭނާގެ އެންމެ ފޭވަރިޓް ތަންތަނަށް ދުވަހަކުވެސް ޒިޔާރަތް ނުކުރާށެވެ. މާފޮޅުވި ތަންތަން ހާއްސަކޮށް ފާހަގަކުރަމެވެ.

ދެން މި އޮތީ އެންމެ މުހިންމު އެއް ވާހަކައެވެ. އާނއެކެވެ. އާއިލާ އާއި ރައްޓެހިންނާއި ގާތްގުޅުމެއް ބޭއްވުން މުހިންމު ކަމަށް ވާތީ އެ ވާހަކައެވެ. އާއިލާ އާއި ރަހުމަތްތެރިންނަކީ، ތިބާ ދެކެ ލޯބިވުން ހުއްޓާނުލާނެ މީހުންނެވެ. ތިބާގެ ރަނގަޅު ރަހުމަތްތެރިން ތިބިނަމަ ތިބާ އެ މީހުންނަށް ވަގުތު ދޭށެވެ. ލޯބިވެރިޔާގެ ހިޔާލުތަކުން ދުރުވާން އެކަން އެހީތެރިވެދާނެއެވެ. މީގެ އިތުރުން، ވެސް ކުރެވިދާނެ މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ތިބާގެ ފޯނާއި ލެޕްޓޮޕް ފަދަ ތަކެތީގައި ހުރި އޭނާގެ ހަނދާންތައް ފޮހެލުމެވެ. ޓެކްސްޓް މެސެޖް، ވީޑިއޯ އަދި ފޮޓޯ ފަދަ ތަކެއްޗެވެ. ފޮހެލާށެވެ. އެ ފަދަ ތަކެއްޗަކީ އޭނާގެ ހަނދާން އާކޮށްދޭނެ ތަކެއްޗެވެ.

ހަގީގީ ލޯބިވާ މީހަކާ ދުރަށް ދިއުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު މި ކިޔައިދިން މަގުން މަސައްކަތްކޮށްލާށެވެ. މާތް ﷲގެ ވާގިފުޅާއެކު ކާމިޔާބު ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް