ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ނުރައްކާވާފަދަ އެއްބަސްވުންތަން ވަގުތުން ވަގުތަށް ބާތިލް ކުރުމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.
ޑރ. ޝަހީމް މިފަދައިން ގޮވާލައްޗާފައިވަނީ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި "މިނިވަންކަމުގެ ހިނގާލުން" ގައި ވާހަކަ ދައްކަވަމުން ނެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެކުލަވާލާފައިވާ ހުރިހާ އެއްބަސްވުމެއް ހާމަ ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި އެތައް ސުވާލުތަކެއް އުފެދިފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ވަގުތުން ވަގުތަށް ހާމަކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދޭންޖެހޭކަމަށެވެ.
"ދިވެހި އެއްވެސް ސަރަހައްދެއްގައި ބޭރުގެ އަސްކަރީ ސިފައިން ބޭތިއްބުމަކީ ދިވެހި ރައްޔިތުން ތާއީދު ކުރާނެ ކަމެއްނޫން. އެކަން މިސަރުކާރުން ގަބޫލުކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ޖެހޭ." ޑރ. ޝަހީމް ވިދާޅުވި އެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ޑރ. ޝަހީމް ވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި މިމަސައްކަތް ކުރެއްވުމުގައި ބަންދުގައި ހުންވައިގެން ވެސް ރައީސް ޔާމީން ކުރައްވާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމުގައި ވިދާޅުވެފަ އެވެ.
އެމަނިކުފާނު (ރައީސް ޔާމީން) ނުހައްގުން ބަންދުކޮށް އަނިޔާ ދެމުން ދިޔަނަމަވެސް އެމަނިކުފާ މިފަސްގަނޑުގައި ހިނގާ ޤައުމާއި ދީނާ ދެކޮޅު އެއްވެސް ކަމަކަށް ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
"ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެންދަނީ ސާބިތު ކަމާއި ހިތްވަރު ގަދަކަން. އެމަނިކުފާނު މިޤައުމުގެ ހައްގުގައި ކުރަމުންދާ މަސައްކަތަކީ ކާމިޔާބާއި ނަސްރު ދާދި އަވަހަށް ލިބޭނެ ކަމެއް." ޑރ. ޝަހީމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް