މަޝްރޫޢުތައް ފެށުމުގެ ކުރިން މަޝްރޫޢުގެ ފައިނޭންޝިއަލް ފީސިބިލިޓީއެއް ހަދައި، އެއަށް ރިޢާޔަތްކޮށްގެން ނިންމުންތައް ނިންމުމަށް އޮޑިޓަރް ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.
އެ އޮފީހުން މިހެން އެދިފައި މިވަނީ ހިޔާ ފްލެޓްގެ އަގާމެދު ކުރީ ސަރުކާރުންނާއި ޑރ. މުއިއްޒު ޖެއްސެވި ހިސާބުން ވަނީ ބޮޑު ގެއްލުމެއްކަމަށް ބުނެ ޢާންމުކުރި އޮޑިޓް ރިޕޯޓުގަ އެވެ.
އެ ރިޕޯޓުގައި ވަނީ ލޯނު ނަގައިގެން ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި، ލޯނުގެ ފައިނޭންސް ކޮސްޓް ދެއްކޭނެ ކޮސްޓް އޮފް ކެޕިޓަލަށް ރިޢާޔަތްކޮށް، އީ.އެމް.އައި މެތަޑު ބޭނުންކޮށްގެން ޔުނިޓުތައް ވިއްކާ އަގު ކަނޑައެޅުމަށް އެދިފަ އެވެ.
މީގެ އިތުރުން ލޯނުގެ އެގްރިމެންޓްތަކުގައި އިންޓަރެސްޓް ކަނޑައަޅާފައިވަނީ LIBOR ނުވަތަ އެފަދަ އެހެން ބެންޗްމާކެއް ބޭނުން ކޮށްގެން ކަމަށްވާނަމަ، އެ ލޯނެއްގެ މުއްދަތުގައި LIBOR ނުވަތަ އެފަދަ ބެންޗްމާރކްގެ އެވްރެޖް އިންޓަރެސްޓް ރޭޓް އަންދާޒާ ކުރުމަށާއި، ކޮސްޓް އޮފް ކެޕިޓަލްގެ ގޮތުގައި ބޭނުންކުރާ ރޭޓް ކަނޑައެޅުމުގައި އެވްރެޖް LIBOR ނުވަތަ ބެންޗްމާކް އިންޓަރެސްޓް ރޭޓަށް ރިޢާޔަތް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
އޮޑިޓް ރިޕޯޓުގައި މި މަޝްރޫޢުގެ ދަށުން، މަޝްރޫޢުގެ އަގުގެ ތެރޭގައި ހިމަނާފައިނުވާ އެހެނިހެން ޚަރަދުތައް (ބިމުގެ އަގު، ޕްރޮޖެކްޓް މެނޭޖްމަންޓް ކޮސްޓް، ސަޕްލިމެންޓަރީ ޑިވެލޮޕްމަންޓް ކޮސްޓް) ސަބްސިޑައިޒްކޮށް، ހައުސިންގ ޔުނިޓްތައް ވިއްކުމުން، އެޗް.ޑީ.ސީ އަށް މާލީގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ލަފާކުރެވޭތީ، މި މާލީ ގެއްލުން ފޫބެއްދުމަށްޓަކައި، ދައުލަތުގެ ބަޖެޓުން، އެޗް.ޑީ.ސީ އަށް ސަބްސިޑީއެއް ދޭންޖެހޭނެކަމަށް ފެންނާތީ، މިއީ ދައުލަތު ގެ ބަޖެޓުގެ ފުދުންތެރިކަން ހުރި މިންވަރަށް ރިޢާޔަތްކޮށްގެން ދެވިދާނެ ސަބްސިޑީއެއްތޯ ބެލުމަށް ވެސް ވަނީ އެދިފަ އެވެ.
މިފަދަ ހައުސިންގ މަޝްރޫޢުތައް ހިންގުމަށް ކުންފުނިން ނަގާ ލޯނުތަކާ އެންހަމައެއްގައި އާމްދަނީ ނުހިއްފޭޓޭނަމަ، މި ލޯނުތައް އަދާ ކުރުމަށް ދަތިވެ، ކުންފުންޏަށް މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެ، ވިޔަފާރީގެ އުސޫލުން ކުންފުނި ހިންގަން ދަތިވާނެ ކަމަށް ވެސް ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ އެފަދަ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތަށް ބަރޯސާވުމަކީ އެކަށީގެންވާ ކަމެއްކަމުން، މި ގޮތަށް ސަބްސިޑައިޒް ކުރެވިގެން ހިންގާ މަޝްރޫ ޢުތަކުން ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ސަބްސިޑައިޒްކުރެވޭނެ ނިސްބަތަށް ބަލައި، މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސްކޮށްގެން ހިންގޭނެގޮތަށް މަޝްރޫޢުތައް ރާވާ ހިންގުމަށް ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް