ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަށް ނުލައި ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މި މައްސަލަ ބެލުމަށް މާލިައްޔަތު ކޮމިޓީ އަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާ މެމްބަރު އަބްދުލް ގަފޫރު މޫސާއެވެ. އެގޮތުން ކޮމިޓީން ވަނީ އެކަމާ ގުޅުންހުރި މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދުމަށް ނިންމާފައެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދުގެ ދަށުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ އެ މަސައްކަތް އެ ކުންފުންޏަށް ދިނުމަށް ކަނޑައެޅީ އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން ކަމަށެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތުގެ އެއްބަސްވުމުގައި މިިދިޔަ ބުރާސްފަތި ދުވަހު، ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އާއި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑް ވަނީ ސޮއިކުރައްވައިފަ އެވެ. އެ މަސައްކަތްތައް ނިންމަން ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 53 މިލިއަން ޑޮލަރަށެވެ. ބިޑު ކުރުމެއް ނެތި މިހާ ބޮޑު ޕްރޮޖެކްޓެއް ބޭރުގެ ކުންފުންޏަކަށް ދިންއިރު 36 މިލިއަން ޑޮލަރު ދީގެން އެމްޓީސީސީން ވަނީ ބިން ހިއްކުމަށްޓަކައި ބޮޑު ޑްރެޖަރެއް ގަނެފައެވެ. އަދި އެ ޑްރެޖަރު ގަތް ފަހުން އެ މަސައްކަތް އާއްމު ގޮތެއްގައި ކުރަމުން ދަނީ ވެސް އެ ކުންފުނިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް