ޕްރޮގްރެސިވް ކޯލިޝަންގެ ޕާޓީތަކުގެ ދަފްތަރުގައި ތިބި އާއްމު މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކުގެ ދަފްތަރުގައި ޖެހިފައިވާ މައްސަލާގައި އެ ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނާއި އެކު މަޝްވަރާ ކޮށްފިއެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ވެސް އަދި އެހެން މުއައްސަސާއެއްގައިވެސް ފިންގަ ޕްރިންޓު ވެރިފައި ކުރެވޭނެ ނިޒާމެއް ނެތް ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޕާޓީގެ އާއްމު މެންބަރުންނަށް ނޭނގި އަލަށް އުފައްދާ ސިޔާސީ ޕާޓީތަކާއި މެންބަރުން މަދު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ މެންބަރުންގެ ނަން ހިމެނިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދާދިފަހުންވެސް އެޕާޓީގެ އިސް ސަފުގައި ތިއްބެވި ގިނަ އަދަދެއްގެ ފަރާތްތަކުން އެހެން ޕާޓީތަކާއި ގުޅިވަޑައިގެންފައިވާ ކަމަށާއި އަދި އެބޭފުޅުން އަލަށް ގުޅިވަޑައިގެންނެވި ޕާޓީތަކުގެ މެންބަރުން އިތުރުކުރަމުން އަންނަ މަސައްކަތްތަކުގައި އެކަން ދިމާވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި އެކު ބޭއްވި ބައްދަލުވުމުގައި އެކަން ހައްލު ކުރެވޭނީ ކޮން ގޮތަކަށްތޯ މަޝްވަރާ ކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު އެނގިގެން ދިޔައީ އެކަމަށް ހައްލެއް ލިބިގެން ނުދާނެކަން ކަމަށެވެ.
ދާދިފަހުން ޕީޕީއެމްގެ އިސް ފަރާތްތަކެއް ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އަދި އެޕާޓީން މިދުވަސްވަރު އަންނަނީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް