އިސްލާމް ދީނަށާއި ކީރިތި ރަސޫލާ ސައްލަﷲ އަލައިހިވަސައްލަމްއަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓް، ހދ. ވައިކަރަދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.
ހދ. ވައިކަރަދޫ ކައުންސިލަކީ ވެރިކަންކުރާ ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ތިން ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
އެ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށްފައިވަނީ އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމް.ޑީ.އެން) އިން ނެރުނު "ޕްރެލިމިނަރޫ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން" ރިޕޯޓް (2015)ގައި، އިސްލާމްދީނަށާއި، ކީރިތި މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމްއަށް ފުރައްސާރަކޮށް، ކީރިތި ޤުރުއާނާއި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމްގެ ސުންނަތުން ސާބިތުވާ ކަންކަމަށް ފާޅުގައި ގޮންޖައްސަވާފައިވާތީ، މި އަމަލު ވައިކަރަދޫގެ އެންމެހައި ރައްޔިތުންނާއި، މި ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަބީ މިފަދަ ޖަމާއަތްތަކުން ކުރާ މިފަދަ ކަންކަމަކީ މުޅި އިސްލާމީ އުންމަތަށް ލިބިގެންދާ ނިކަމެތި ކަމެއް ކަމަށާއި، މިކަމަކީ މި ދިވެހި މުޖްތަމައުގެ އާއްމު މަސްލަހަތު ގެއްލިގެންދާނެ ކަމެއްކަން މި ކައުންސިލުން ގަބޫލުކުރާހިނދު މި އަމަލު ހިންގާފައިވާ އެންމެހާ ފަރާތްތަކާއި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އާމެދު މިނިވަން ތަހްގީގެއްކޮށް، ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ދައުލަތުގެ އެންމެހާ މުއައްސާސަތަކަށް ގޮވާލާ ކަމަށެވެ.
"މި ރިޕޯޓް އާންމުވުމާއެކު، ދިވެހި ސަރުކާރާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެ މައްސަލަ ސީރިއަސް މައްސލައެއްގެ ގޮތުގައި ބައްލަވައި، އެ ރިޕޯޓް ލިޔުނު ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކުރަމުންދާ އިހްލާސްތެރި މަސައްކަތް މި ކައުންސިލުން ފާހަގަކުރަމެވެ. ތަންފީޒީ އިދާރާތަކުން މި މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވެގެންދާ ދިއުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާކަމެކެވެ." އެ ނޫސްބަޔާނުގައި ބުނަފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ކަންކަމުގައި ނުރުހުން ފާޅުކޮށް ގޮވާލާ ގޮވާލުންތަކަކީ އިސްލާމީ ރިވެހި އުސޫލުތަކުގެ ތެރެއިން ގޮވާލާ ގޮވާލުންތަކަކަށް ހަދައި، ރައްޔިތުންގެ އާއްމު މަސްލަހަތު އިސްކުރުމަށް އެންމެހައި ފަރާތްތަކަށް މމި ކައުންސިލުން އިލްތިމާސްކުރާ ކަމަށެވެ.
ހަމައެހެންމެ ކީރިތި މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ދިފާއުކުރުމކީ ނުވަތަ އިސްލާމްދީން ދިފާއު ކުރުމަކީ މިފަދައިން ނެރޭ ނޫސްބަޔާންތަކާއި، ފާޅުކުރާ ޝުއޫރުތަކަކުން އެކަނި ކުރެވޭނެ ކަމެއް ނޫންކަމުން، އިސްލާމްދީނާއި ކީރިތި މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމް ގެ މާތް ސީރަތުން ލިބިދީފައިވާ ފިލާވަޅުތަކުގެ އަލީގައި އަމަލުތައް ބަހައްޓައި، އިސްލާމްދީނުގެ ރުކުރުންތައް ފުރިހަމައަށް އަދާކުރުމަށް އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ ކަންކަމާ ހަވާލުވެ ހުންނެވި އެންމެހާ ވެރިންނަށް އިލްތިމާސް ކުރާކަމުގައިވެސް ވައިކަރަދޫ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް