މާލިއްޔަތުު ކޮމެޓީގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތައް ހިއްސާ ކުރުމަށް ބޭއްވި އެ ކޮމެޓީގެ ސިއްރު ބައްދަލުވުމުގައި ޕީޖީ ދެއްކެވި ވާހަކަފުޅު ލީކުވި މައްސަލަ ބެލުމަށް އެ ކޮމެޓީން ނިންމައިފިއެވެ.
ޕީޖީ ވަނީ މިދިޔަ ހޯމަ ދުވަހު މާލިއްޔަތު ކޮމެޓީގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައްޔިތުން މަޖިލީހުގެ މިހާރުގެ މެންބަރުންނާއި މިހާރުގެ ވަޒީރުންނާއި އަދި ފަނޑިޔާރުންގެ ނަންތައް ހާމަ ކޮށްދެއްވާފައެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުުމުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ވަނީ މިދިޔަ ހޯމަ ދުވަހު އެ ކޮމެޓީން ޕީޖީއާ އެކުގައި ބޭއްވި ސިއްރު ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ލީކްވި މައްސަލަ ބެލުމަށް ހުށަހަޅާފައެވެ. އޭނާ ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އިލިޔާސްގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ނަމަވެސް ދާންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ކޮމެޓީން އެ މައުލޫމާތު ސިއްރު ކުރުމަށް ބޭނުންވި ނަމަވެސް އެއީ ސިއްރު ކުރަންޖެހޭ މައުލޫމާތުތަކެއް ނޫން ކަމަށާއި އެ ނަންތައް ހާމަ ކުރެވެން ޖެހޭނެ ކަމަށެވެ.
އެކަމާއި ގުޅިގެން ކޮމެޓީގެ މުގައްރުރި ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒު ވިދާޅުވީ ސިއްރު ހިފެހެއްޓުން އޮންނާނީ މެންބަރުންގެ އަތްމަތީގައި ކަމަށެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީއަށް ފޮނުވައިގެން ބަލާނެ ކަމަށް ނާޝިޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް